އޮސްކާ 2020ގެ ބެސްޓް އެކްޓަރުގެ އެވޯޑު މަގުބޫލު ހޮލީވުޑް ފިލްމު "ޖޯކާ" ގެ ބަތަލު ވާކިން ފީނިކްސް އަށް އަދި ބެސްޓް އެކްޓްރެސްގެ އެވޯޑު ރެނޭ ޒެލްވެގާ އަށް ލިބިއްޖެއެވެ.
ފިލްމު ޖޯކާ ވެގެން ގޮސްފައި ވަނީ އާންމުންގެ މެދުގައި މަގުބޫލު ފިލްމަކަށެވެ. ފިލްމުގައި ވާކިން ކުޅެފައި ވަނީ ސްޓޭންޑްއަޕް ކޮމިކެއްގެ ރޯލެވެ. އޭގައި އޭނާ އަށް ހުންނަނީ ހާލަތާ ނުބައްދަލު ދަނޑިވަޅުތަކުގައި ހެވޭ ބައްޔެއް ޖެހިފައެވެ.
ވާކިންއަށް ފިލްމު ޖޯކާއިން ވަނީ ގިނަ އެވޯޑުތަކެއް މީގެ ކުރިންވެސް ލިބިފައެވެ. އޭގެ ތެރޭގައި ބެސްޓް އެކްޓާ ބަފްތާސް އެވޯޑު، ކްރިޓިކްސް ޗޮއިސް އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑު އަދި ގޯލްޑަން ގްލޯބްސްގައި ބެސްޓް އެކްޓާ އިން ޑްރާމާ ހިމެނެއެވެ.
ވާކިން ވަނީ މީގެ ކުރިންވެސް ދެފަހަރަކު އޮސްކާއަށް ނޮމިނޭޓް ވެފައެވެ. އެއީ 2006 ގައި ފިލްމު ވޯކް އިން ލައިން އަދި 2013 ގައި ދަ މާސްޓާއިންނެވެ. މިއީ ވާކިން އަށް އޮސްކާ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.
ރެނޭ ޒެލްވެގާ އަށް ބެސްޓް އެކްޓްރެސްގެ އެވޯޑު ލިބުނީ ޖޫޑީ ގާލޭންޑްގެ ބައޯޕިކްގައި އޭނާ ކުޅުނު ރޯލަށެވެ. ޖޫޑީ ގާލޭންޑް އަކީ ހޮލީވުޑް ލަވަކިޔުންތެރިއެއް އަދި ފިލްމީ ތަރިއެކެވެ. ޖޫޑީ ފިލްމުގައި ފެނިގެން ދަނީ އޭނާގެ ދިރިއުޅުމުގެ ފަހު އަހަރުތަކުގައި ކެރިއާ ބިލްޑް ކުރަން ލަންޑަނުގެ ކޮންސެޓުތަކުގައި ކުރާ މަސައްކަތެވެ.
ރެނޭއަށް ވަނީ މި ސީޒަނުގައި ގިނަ އެވޯޑުތަކެއް ލިބިފައެވެ. އޭގެ ތެރޭގައި ބަފްތާގެ ބެސްޓް އެކްޓްރެސް އެވޯޑާ ކްރިޓިކްސް ޗޮއިސް އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑު އަދި ގޯލްޑަން ގްލޯބްސްގެވެސް ބެސްޓް އެކްޓްރެސް އެވޯޑު ހިމެނެއެވެ.
ރެނޭ ވަނީ މީގެ ކުރިން ބްރިގެޓް ޖޯންސްގެ ޑައިރީ އާއި ފިލްމު ޗިކާގޯ އިން އޮސްކާއަށް ނޮމިނޭޓް ވެފައެވެ. އަދި 2004ގައި ކޯލްޑް މައުންޓަން އިން ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސް ގެ އޮސްކާ އެވޯޑު ލިބިފައެވެ.