ސްޓެލްކޯ

"ސްޓެލްކޯ ގްރީންލައިފް އިނީޝިއޭޓިވް"ގެ ދަށުން މުވައްޒަފުންނަށް އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް

މަރިޔަމް ޝަހުދާ

1

"ސްޓެލްކޯ ގްރީންލައިފް އިނީޝިއޭޓިވް" ގެ ދަށުން މުވައްޒަފުންނަށް އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި "ސްޓެލްކޯ ގްރީންލައިފް އިނީޝިއޭޓިވް" އިފްތިތާހުކޮށް ދެއްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގުނީއެވެ.

ސްޓެލްކޯ އިން މައުލޫމާތު ދިން ގޮތުގައި "ސްޓެލްކޯ ގްރީންލައިފް އިނީޝިއޭޓިވް"ގެ ބޭނުމަކީ މި ޕްރޮގްރާމުގެ ދަށުން އާންމު ފަރުދުންގެ ގޭގައި ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓު ހަރަދު ކުޑަކުރެވޭނެ މަގެއް ހޯދުމެވެ. އެގޮތުން ފުރަތަމަ މި ހިދުމަތް ތައާރަފު ކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ކަމަށް ސްޓެލްކޯ އިން ފާހަގަ ކުރެއެވެ.

"ސްޓެލްކޯ ގްރީންލައިފް އިނީޝިއޭޓިވް" ގެ ދަށުން ސޯލާ ޕެނަލް އިންސްޓޯލްމަންޓަށް ވިއްކުމަށް ތިން ޕެކޭޖެއް ވަނީ ތައާރަފު ކޮށްފައެވެ. ކޮންމެ ޕެކޭޖެއްގައިވެސް ހިމެނެނީ ހަތަރު ސޯލާ ޕެނަލް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަހަރު ދުވަހުގެ ތެރޭގައި ސޯލާ ޕެނަލަށް ފައިސާ ދެއްކުމުގެ ޕެކޭޖަކާއި، ފަސް އަހަރު ދުވަހުގެ ތެރޭ ސޯލާ ޕެނަލަށް ފައިސާ ދެއްކުމުގެ ޕެކޭޖެއްގެ އިތުރުން ހަތް އަހަރުތެރޭ ސޯލާ ޕެނަލަށް ފައިސާ ދެއްކުމުގެ ޕެކޭޖެކެވެ. މިތަނުން ކޮންމެ ޕެކޭޖެއް ނެގި ނަމަވެސް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނީ 5000 ކަމަށާއި، ނަމަވެސް ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރު ތަފާތުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން "ސްޓެލްކޯ ގްރީންލައިފް އިނީޝިއޭޓިވް"ގެ ދަށުން ސޯލާ ޕެނަލް އިންސްޓޯލްމަންޓަށް ވިއްކުމަށް ތައާރަފުކޮށްފައިވާ ތިން ޕެކޭޖުގެ ތެރެއިން ފުރަތަމަ ޕެކޭޖު ކަމަށްވާ ތިން އަހަރު ދުވަހުގެ ޕެކޭޖުގައި މަހަކު ދައްކަން ޖެހޭނީ 881.94 ރުފިޔާ އެވެ. ދެވަނަ ޕެކޭޖު ކަމަށްވާ ފަސްއަހަރުގެ ޕެކޭޖުގައި ދައްކަން ޖެހޭނީ މަހަކު 604.17 ރުފިޔާ ކަމަށާއި ހަތް އަހަރު ދުވަހުގެ ޕެކޭޖުގައި މަހަކު ދައްކަން ޖެހޭނީ 485.12 ރުފިޔާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މީގެ އިތުރުން ކޮންމެ ގެޔަކުން މިހާރު 600 ޔުނިޓުގެ ކަރަންޓު ބޭނުން ކުރާނަމަ، ސޯލާ ޕެނަލް ބޭނުންކޮށްގެން މަހެއްގެ މައްޗަށް 637 ރުފިޔާ ރައްކާ ކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި ސްޓޭލްކޯގެ އަމާޒަކީ ސޯލާ ޕެނަލް ގަންނަތާ 45 ދުވަހުގެ ތެރޭ އިންސްޓޮލޭޝަންގެ މަސައްކަތް ނިންމުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

"ސްޓެލްކޯ ގްރީންލައިފް އިނީޝިއޭޓިވް" ޕްރޮގްރާމަކީ ކުންފުނީގެ މިސްރާބު އިއާދަ ކުރުވަނިވި ހަކަތަޔަށް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ފެށި ޕްރޮގްރާމެއް ކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟