ސްރީ ލަންކާގެ އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓި، އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.
އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު "ވަން" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުންގެ ޑެޕިއުޓީ ކޮމިޝަނަރު އަސްލަމް ޝާކިރު ''ވަން'' އަށް ވިދާޅުވީ، ތިން އަހަރުގެ ކުއްޖަކު އިމާރާތެއްގެ މަތިން ވެއްޓިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.
އެކުއްޖާއަށް ލަންކާއިން ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ހައި ކޮމިޝަނުންނާއި ލަންކާގައި ހުންނަ އާސަންދަ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑެޕިއުޓީ ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
ނަމަވެސް އެކުއްޖާ ވެއްޓިފައިވަނީ އިމާރާތެއްގެ ކިތައް ވަނަ ފަންގިފިލާ އިން ކަމެއް އަދި އެކުއްޖާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއް އަދި ނޭނގެއެވެ. ހައި ކޮމިޝަނުން ވެސް ބުނީ، އެފަދަ މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.
އާއިލާގެ މެންބަރަކު "ވަން" އަށް މައުލޫމާތުދިން ގޮތުގައި އެކުއްޖާއަކީ ބޭސްފަރުވާއަށް މަންމައާއެކު މިދިޔަ އަހަރު ލަންކާއަށް ބަދަލުވެ، އެގައުމުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖެއް ކަމަށެވެ.
އެ ކުއްޖާ ވެއްޓިފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވަލާގެ ހުންނަ ސިޓީ ޓަވަރުގެ ދެވަނަ ފަންގިފިލާގެ ބެލްކަނިން ކަމަށާއި ވެއްޓުމުގެ ސަބަބުން ކުއްޖާގެ ވާތު ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ސިކުނޑިއަށާއި ލޮލަށް ލޭ އެޅިފައިވާ ކަމަށް އާއިލާ މެންބަރު މައުލޫމާތު ދިނެވެ.
ނަމަވެސް ބެލްކެނިން އެކުއްޖާ ވެއްޓުނީ ކިހިނެތް ކަމެއް އަދި ނޭނގެއެވެ.