އިބްރާހިމް ޒަކީ
މަސްފެކްޓްރީއެއް ހެދުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ދޫކޮށްފައިވާ ބިމާ ބެހޭގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މި މައްސަލައިގައި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ސުވާލު ކުރައްވާނީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާންއެވެ.
ފިރުޝާން ސުވާލު ކުރެއްވުމަށް ހަމަޖައްސާފައިވަނީ، މަސް ފެކްޓްރީ ހެދުމަށް ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ބިން ދޫކޮށްފައިވާތާ ގާތްގަނޑަކަށް 14 އަހަރުވެފައި ވާއިރު، މަސްފެކްޓްރީގެ މަސައްކަތް ނިންމުމަށް އެއްވެސް މުހުލަތެއް އެއްވެސް އިރެއްގައި ދީފައިވާ ނަމަ އެކަމުގެ ތަފްސީލު ހޯދުމަށެވެ.
މީގެ އިތުރުން ހޮރައިޒަން ފިޝަރީޒް އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްވެސް ފަރާތަކުން ހިލާފު ވެފައި ވާނަމަ އެކަމުގެ ތަފްސީލު ހޯދުމަށް ސުވާލު ކުރުމަށްވެސް އެޖެންޑާގައި ހިމަނާފައިވެއެވެ.
ގދ. ހޯޑެއްދޫގައި މަސް ފެކްޓްރީއެއް ހެދުމަށް ދިނުމަށްފަހު ފެކްޓްރީ ހަދާފައި ނުވާ މައްސަލައިގައި އެކި ދުވަސް މަތިން މައްސަލަ ޖެހެމުން ދެއެވެ. އެގޮތުން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން އެ ބިން ނަގަން ނިންމައި 30 ދުވަހުގެ ނޯޓިސް އެއްވެސް ފޮނުވިއެވެ.
އޭރު އެ ބިން ނެގުމަށް ސަރުކާރުން ނިންމީ އެ ބިން ދޫކުރުމަށް އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދާތީ ކަމަށް ބނެއެވެ. އެ ބިމުގައި ފެކްޓްރީ ނޭޅުމާއި އެ ބިން ރައްޔިތުންނަށްވެސް ބޭނުން ނުކުރެވޭ ކަމަށް ބުނެ ނުރހުން ފާޅުކޮށް، ހޯނޑެއްދޫ ބަޔަކު 2011 ވަނަ އަހަރު މުޒާހަރާއަކަށްވެސް ނުކުމެފައި ވެއެވެ.
އޭރު އެމީހުން ނުރުހުން ފާޅުކުރީ 2006 ވަނަ އަހަރު އެތަނުގައި ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށުމަށްފަހު ކުރިއަށް ގެންގޮސްފައި ނުވާތީއެވެ.