ކުއްލި ޚަބަރު

ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 9:30 އެހާކަންހާއިރު ރިޕޯޓްކުރި އެ ހާދިސާގައި މަރުވެފައިވަނީ 69 އަހަރުގެ އޮސްޓްރިއާ ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާއަކީ ކޮން ރިސޯޓެއްގެ ފަތުރުވެރިއެއް ކަމެއް ނުވަތަ އޭނާ ޑައިވިން އަށް ދިޔައީ ސަފާރީއަކުން ކަމެއް ފުލުހުން ނުބުނެއެވެ.

އޭނާ ގިނައިރުތަކެއް ވަންދެން ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވިން އިންސްޓުރަކްޓަރު އެމީހާ ޑައިވިން ބޯޓަށް ނެގުމަށްފަހު ސީޕީއާރު އަދި އޮކްސިޖަން ދިން ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ޅ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މިއަދު މަރުވެފައިވާއިރު، މިއީ މި ހަފްތާގައި މަރުވި ދެވަނަ ޓޫރިސްޓެވެ. މިދިޔަ އަންގާރަ ދުވަހު ގދ. އަތޮޅުގައި އޮންނަ ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އެމެރިކާގެ 59 އަހަރުގެ ފިރިހެނެއް ވެސް ވަނީ ގެނބިގެން މަރުވެފައެވެ.