އިބްރާހިމް ޒަކީ
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން ދޫނުކުރުމަށާއި ހުކުމް ތަންފީޒުކުރުން ފަސް ނުކުރުމަށް ހައި ކޯޓުން ނިންމައިފި އެވެ.
މަނީލޯންޑާ ކުރުމުގެ ކުށުގައި، ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމަށް، ކްރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވާ މައްސަލައިގައި، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ކަފަލާތުގެ ދަށުން ރައީސްް ޔާމީން ދޫކޮށްލެވެން ނެތްކަމަށް ކަނޑައަަޅާފައިވަނީ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ނަމަވެސް ރައީސް ޔާމީން އެދި ވަޑައިގެންފައިވާ ގޮތަށް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައި ވަނީ، ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދު ހިމެނިވަޑައިގަންނަވާ މި ބެންޗުގައި، ރައީސް ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ނެރެވިދާނެކަމަށް ވިދާޅުވީ ހަމައެކަނި، ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.
ފަނޑިޔާރު ޝަހުދީ ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި، ގާނޫނުއަސާސީއަށާއި، މިބާވަތުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމުގައި އަމަލުކުރަން ޖެހޭ ދުސްތޫރީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކުގެ މައްޗަށާއި، މިމައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ބަލައި ވިސްނާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ވަގުތީގޮތުން ފަސްކުރުމަށް އަމުރުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ފަނޑިޔާރު ޝަހުދީގެ ވާހަކައިގައި ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 56 ވަނަ މާއްދާއާއި 62 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި، 145 ވަނަ މާއްދާގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ރިއާޔަތް ކުރައްވާފައި ވެއެވެ.
ނަމަވެސް ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާ މެދު ފަނޑިޔާރު ޝަހުދީ ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ.
ޝަހުދީ ވިދާޅުވީ، ހައިކޯޓުގެ ގަވައިދުގެ 67 ވަނަ މައްދާއާއި ހަވާލާދީ ހައިކޯޓުން ނިންމާފައިވާ ނިންމުން ތަކުގައި ޖިނާއީ ބޮޑު ކުށަކަށް ނުވާ ކުށްތަކަށް ދީފައިވާ ކަފާލަތަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބެލިނަމަވެސް، ޝަރީއަތަށް މައްސަލަ ހުށަހަޅައި، މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ދެވޭ ކަފާލަތާއި، ޝަރީއަތުގެ މަރުހަލާގައި ޝަރީއަތުން ކުށް ސާބިތުވުމުގެ ކުރިން ދެވޭ ކަފާލާތު ދިނުމާއި ތައާރަޒުވާ ނިންމުމެއް ނޫންކަން އެނގޭ ކަމަށެވެ.
ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ ބާވަތަށް ބަލާއިރު އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއްކަން އެނގެން އޮތުމުން، ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގެންފައިވާ ކަފާލަތު ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ރޫހާއި މަގުސަދާ ހިލާފު، ނިންމުމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ، ސުޕްރީމް ކޯޓުން ޖިނާއީ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރެފައިވާ ވަގުތީ އަމުރުތަކަށް ބަލާއިރު، އެ އަމުރުތައް ނެރުމުގައި ބިނާކޮށްފައިވާ މައިގަނޑު ގާނޫނީ އަސާސަކީ އެކޯޓަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ގާނޫނީ ބެލެނިވެރިކަމުގެ އިހުތިސާސް ކަމަށެވެ.
ނަމަވެސް ހައިކޯޓަށް ގާނޫނީ ބެލެނިވެރިކަމުގެ އިހުތިސާސް ލިބިފައިވާކަން އެނގެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނީ ބާބުތައް ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ ފާހަގަކުރެވުނު ގާނޫނީ ސަބަބުތައް އެގޮތުގައި ހުރުމުން، ދެކިވަޑައިގަންނަވަނީ ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ފަދައިން ކަފަލާތުގެ ދަށުން ދޫކޮށްލެވެން ނެތްކަމާއި، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަންގައި އަމުރުކުރަން ނުޖެހޭ ކަމަށް ކަމުގައި ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ ސަބަބުތައް ބަޔާން ކުރައްވައި، ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ، "ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް
މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުކޮށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 68 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭނުން ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތްކަމާއި، އަދި އަބަދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުނާފު ކޮށްފައިވާ ގަޒިއްޔާ، އިސްތިއުނާފު ނިމެންދެން، އަބްދުالله ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެންގުމަށް ހައިކޯޓުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ ލިބިދީފައިވާ އިހުތިޔާރުގެ ބޭނުން ކުރެވޭނެ ގާނޫނީ ސަބަބެއް ނެތްކަމަށް
އަހުރެން މުހައްމަދު ނިޔާޒްއަށް ގަބޫލު ކުރެވޭ،" ކަމަށެވެ.