ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީއަށް ނިސްބަތްވާ މީހަކު ވިހެއި ދަރިފުޅު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ކުއްޖާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވަނީ ވިހޭތާ 30 ގަޑިއިރު ފަހުންނެވެ.
ވުހާން ސިޓީގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލުގެ ޑޮކްޓަރުން އަންނަނީ މައިމީހާގެ ރަހިމުގެ ތެރެއިން ތުއްތު ކުދިންގެ ގަޔަށް ކޮރޯނާވައިރަސް އަރާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ތުއްތު ކުއްޖާއަށް މިހާރު އަންނަނީ ވައިރަސް ޖެހިފައިވާ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިރަސް ޖެހުނު ކުއްޖާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ވުހާންގައި މިދިޔަ މަހު ވިހެއި އުމުރުން 17 ދުވަހުގެ ކުއްޖަކުވެސް ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.
މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން ވަނީ 500 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައެެވެ. އަދި 25،000 މީހުން އެގައުމުން އެ ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު ދުނިޔޭގެ އެތައް ގައުމަކުން ވަނީ އެވައިރަސް ފެނިފައެވެ.