އިބްރާހިމް ޒަކީ
ނޫމަޑި މައްސަލައިގައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނާޖާއިޒް މަންފާއަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
އެގޮތަށް ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ އެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓް މަޖިލީހުން ފާސްކޮށްގެންނެވެ.
އެ ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ރިޕޯޓުގައި ވަނީ، ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ، ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނަޖާޒިއު މަންފާއެއް ހާސިލް ކުރުމަށް، ނުވަތަ އެހެން މީހަަކަށް އެފަދަ މަންފާއެއް ހޯދައި ދިނުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 136 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
ނަމަވެސް ޑރ. މުހައްމައު މުއިއްޒު، އެ މައްސަލައިގެ އާބިޓްރޭޝަނަށް ހުށަހެޅުއްވި ބަޔާނުގައި ފާހަގަ ކުރައްވާފައިވާ މައުލުމާތުތައް ލިބިވަޑައިގެންފައި ވަނީ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފަރާންސްޓް ރަކްޗާގެ ހައިސިއްޔަތުން ކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ޑރ.މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބެލެވޭތީ އާއި، އެގޮތަށް، އަމަލު ކުރައްވާފައި ވަނީ އަމިއްލަ ފުޅަށް ނާޖާއިޒު މަންފާއެއް ހާސިލް ކުރެއްވުމުގެ މަގުސަދުގައި ކަމަށް ބެލެވޭތީ، މި މައްސަލަ ތަހުގީގުކޮށް ބެލުމަށް ފުލުހުންނަށް ހުށަހަޅަން ފާސްކުރީ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.