މެންޗެސްޓާ ޔުނައިޓެޑުގައި ހަތް ނަމްބަރު ޖާޒީ ބޭނުންކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށް އެކްލަބުގެ ކުރީގެ ފޯވަޑް އެންހެލް ޑި މާރިއާ ބުނެފިއެވެ.
ބޮޑު އަގަކަށް 2014 ވަނަ އަހަރު ޔުނައިޓެޑާ ގުޅުމަށްފަހު އާޖެންޓީނާ ފޯވަޑް ޑި މާރިއާ ބޭނުންކުރަން ޖެހުނީ އެރިކް ކެންޓޯނާ އާއި ޑޭވިޑް ބެކަމް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުގައި ބޭނުންކުރި ތާރީހީ ހަތް ނަމްބަރު ޖާޒީއެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑުގައި ވިދާލި ޑި މާރިއާ ގެނައުމަށްފަހު ޔުނައިޓެޑުން އޭނާއާ މެދު ބޮޑެތި އުންމީދުތަކެއް ކުރިއެވެ. ނަމަވެސް ލުއިސް ވެން ހާލްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުގައި ޑި މާރިއާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޑި މާރިއާއަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން ޔުނައިޓެޑުން ވަނީ 2015 ވަނަ އަހަރު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް އޭނާ ވިއްކާލައިފައެވެ.
އުމުރުން 31 އަހަރުގެ ޑި މާރިއާ ބުނީ އެއްވެސް އިރެއްގައި ޔުނައިޓެޑުގެ ތާރީހީ ހަތް ނަމްބަރުގެ ޖާޒީ ބޭނުންވެގެން އެދިފައިނުވާނެ ކަމަށާއި އޭނާ ބޭނުންވީ 11 ނަމްބަރުގެ ޖާޒީ ކަމަށެވެ.
"އަހަރެންނަކަށް ނޭނގޭ. އަހަރެން އެކްލަބާ ގުޅުނު އިރު، އަހަރެންނަށް ފެނުނީ 11 ނަމްބަރުގެ ޖާޒީ. އެއީ އަހަރެން ކުޑަ އިރު ވެސް ބޭނުންކުރި ނަމްބަރު. އަހަރެން ހީކުރީ އެ ޖާޒީ ލިބޭނެކަމަށް. ރެއާލުގައި އަހަރެން 22 ނަމްބަރުގެ ޖާޒީ ބޭނުންކުރީ 11 ނަމްބަރު ޖާޒީގައި އެހެން ކުޅުންތެރިޔަކު ކުޅޭތީ. ޔުނައިޓެޑުން އަހަރެންނަށް އިތުރު ފުރުސަތެއް ނުދޭ. ނަމްބަރު 11 ބޭނުންވި ނަމަވެސް، ހަތް ނަމްބަރު ބޭނުންކުރަން މަޖުބޫރުވީ،" އޭނާ ބުންޏެވެ.
ޔުނައިޓެޑު ދޫކޮށް ޕީއެސްޖީއާ ގުޅުމަށްފަހު ޑި މާރިއާ ވަނީ އެކްލަބަށް 200 އަށްވުރެ ގިނަ މެޗު ކުޅެ، އެކްލަބާއެކު ފްރާންސް ލީގުގެ ތިން ތަށި ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އެކްލަބަށް ކުޅުނު 210 މެޗުން 80 ލަނޑު ކާމިޔާބުކޮށްފައެވެ.