ހިޔާ މަޝްރޫއު އަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން ފޯނު ނަންބަރު ފޮނުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ހިޔާ މަޝްރޫއަށް ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅި ހުރި ފަރާތްތަކުން އެ ބޭފުޅުންގެ ފޯނު ނަންބަރު ފޮނުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.
"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ގޮތުން މިހާރު ގުޅުމަށް މަސައްކަތް ކުރަމުން އަންނަނީ H4 ، H5 ، H12 ، H13 އަދި H15 ، މިކެޓެގަރީތަކުގެ ބޭފުޅުންނާ ކަމަށް ވެސް އެ ކޮމެޓީން ބުނެއެވެ.
އެހެންކަމުން މި ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން 2020 ފެބްރުވަރީ 11 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނަމްބަރާ ގުޅުއްވައިގެން މައުލޫމާތު ފޮނުވައި ދެއްވުމަށް މި ނޫސްބަޔާނުގައި އެދިފައިވެއެވެ. އަދި ގުޅޭގޮތް ނުވެއްޖެ ނަމަ، އެ ނަންބަރަށް އެސް.އެމް.އެސް އެއް ފޮނުއްވުމަށްވެސް މި ބަޔާނުގައި ވަނީ އެދިފައެވެ.
ފްލެޓްތައް ހައްގުވެރިންނާއި ހަވާލުކުރަން ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާއިރު، ހިޔާ މަޝްރޫއުގެ ފްލެޓް ހައްގުވާ މީހުންގެ ލިސްޓުތައް އިއުލާންކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އެ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އަދި މިހާތަނަށް މުޅި ޖުމުލަ، ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓު ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާނުކުރުމަށް ތައްޔާރު ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.