ފަނަރަ އަހަރުގެ ކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ކޯޓު އަމުރެއްގެ ދަށުން އުމުރުން 35 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ އަހަރުން ފެށިގެން އެކި ދުވަސްމަތިން 15 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނާގޮތުގައި ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި ހިނގި އެ ހާދިސާ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި މިވަނީ 25 ދުވަސް ފަހުންނެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ، މައްސަލައިގައި ހައްޔަރުކުރި މީހާ ހައްޔަރުކުރަން އެހާ ގިނަ ދުވަސްގެން ދިޔައީ ކޮން ސަބަބަކާހުރެ ކަމެއް އަދި ހާދިސާ ރިޕޯޓްކުރި ދުވަހުން ފެށިގެން ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި ކަމެއް އަދި ނޭނގެއެވެ.
ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހާދިސާ ހިނގި އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.