އަލީ ޔާމިން
ޗައިނާގެ ވުހާން އިން ފެތުރެން ފެށި ކޮރޯނާވައިރަސް އަކީ ވާލުގެ ކިބައިން ފެތުރެން ފެށި ވައިރަހެއް ކަމަށް އެގައުމުގެ ސައިންސްވެރިން ބުނެފިއެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ޗައިނާގެ ސައިންސްވެރިން ބުނެފައިވަނީ އެ ވައިރަހަކީ ވާލުގެ ކިބައިން ފެތުރެން ފެށި ވައިރަހެއް ކަމަށް ބެލެވޭ ކަމަށެވެ. ސައިންސްވެރިން އެއިރު އެހެން ބުނީ ކޮރޯނާވައިރަސް ޖެހޭ މީހުންގެ ހަށިގަނޑުން ހަމައެކަނި ވާލުގެ ގައިގައި ހުންނަ މާއްދާއެއް ފެންނާތީއެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވުހާން ސިޓީގެ މަސް މާރުކޭޓެއްގެ ތެރެއިންނެވެ. އެ މާރުކޭޓުގައި ވާލު ސޫޕާއި، ވާލުގެ އެކި ބާވަތްތަކުގެ އިތުރުން އިންސާނުން އާންމުކޮށް ކެއުމުގައި ބޭނުން ނުކުރާ ޖަނަވާރާއި، ދޫނިތައް ވިއްކައެވެ.
ދާދި ފަހުން ޗައިނާގެ ސައިންސްވެރިން ކުރިއަށްގެންދިޔަ ދިރާސާތަކަށް ފަހު ބުނެފައިވަނީ ކޮރޯނާވައިރަސް އަކީ ވާލުގެ ޒަރީއާއިން ފެތުރެން ފެށި ވައިރަހެއް ކަމުގެ އިތުރު ހެކިތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ކޮރޯނާވައިރަސްއަށް ޓެސްޓްކުރި ބައެއް މީހުންގެ ޖެނޯމް ސީކުއެންސް ވާލުގެ ޖެނޯމްއާއި 96 އިންސައްތަ އެއްގޮތް ކަމަށް ސައިންސްވެރިން ބުނެއެވެ.
މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔެއިން 362 މީހަކު ވަނީ މަރުވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 17،450 މީހުންނަށް ވަނީ އެ ވައިރަސް ޖެހިފައެވެ.