މިއަދުގެ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުން ބޮޅުމެއްގެ ތެރޭގައިކަން ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދުގެ ފޭސްބުކްގައި މީގެ އިރުކޮޅެއް ކުރީން ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އިޖުތިމާއީ އިންސާފުން އެކަހެރިވެ މުޅިގައުމުގެ އިގުތިސާދު ދަށަށްގޮސްފައިވާ ކަމަށެވެ. އަދި އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލުކަން މިސަރުކާރުގައި ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.
"ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުން ބޮޅުމުގެ ތެރޭގައިކަން. އިޖުތިމާއީ އިންސާފުން އެކަހެރިވެ މުޅިގައުމުގެ އިގުތިސާދު ދަށަށްގޮސްފިކަން. އަދި އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލުކަން މިސަރުކާރުގައި ނެތްކަން."
ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ގެންދަވަނީ އެކި ޕްލެޓްފޯމް ތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މިދިޔަ އަހަރު ސަންގު ޓީވީގެ ސިޔާސީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވެފައިވަނީ މި ސަރުކާރު އޮތީ ވަަރަށް ބޮޑަށް ފެއިލްވެފައި ކަމަށެވެ. އަދި މި ސަރުކާރަށް "ޑީ" ރިޕޯޓެއް ދޭނެ މީހަކުވެސް މަދުވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުގެ ސްޕީޑު ދަށް ކަމަށް މި ސަރުކާރުގެ އިސް ފަރާތްތަކުން ވިދާޅުވެފައިވާތީ އެކަމަށް ސައީދު ވަނީ ރައްދު ދެއްވާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ ވާހަކަ ދެއްކޭ ވަރަށް މި ސަރުކާރު އަދި "ކޮލިފައި"ނުވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.