ކޮވިޑް 19

ނޮވެލް ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރި ހަތްމީހުން ނެގެޓިވް، މިހާރު ވަނީ ދޫކޮށްލާފައި

އަހުމަދު ވަޖީފު

ނޮވެލް ކޮރޯނާއަށް ޓެސްޓު ހެދި ހަތް މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން އެމީހުން ދޫކޮށްލާފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައި ހުރެދާނެ ކަމަށް ބެލޭ ފަރާތްތައް ދެނެގަތުމަށް ކުރިޔަށް ގެންދެވޭ ސަރވެއިލަންސްގެ ދަށުން ބަލި ހުރެދާނެ ކަމަށް މިންގަނޑަށް ފެތޭ އެއް ފަރާތެއް 30 ޖެނުއަރީގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މީހާ އެކަހަރިކޮށް ބަހައްޓައިގެން ނޮވެލް ކޮރޯނާއަށް ޓެސްޓު ކޮށްފައިވާ ކަމަށާއި ހެދި ޓެސްޓުތަކުން އެމީހާ ނެގެޓިވް ކަމަށް ދައްކާތީ އެ މީހާ ދޫކޮށްލާފައި ކަމަށެވެ.

މީގެ އިތުރުން ބަލި ހުރެދާނެ މިންގަނޑަށް ނުފެތޭ ހަފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ފޮނުވި ކަމަށާއި ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ވުމުން އެ ހަމީހުން ވެސް ދުކޮށްލާފައި ވާކަމަށް ހެޗްޕީއޭއިން ބުނެއެވެ.

ހެޗްޕީއޭއިން ބުނި ގޮތުގައި، މިހާތަނަށް ޓެސްޓު ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ؛

1. ބަލި ހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅި މިންގނަޑުތަކަށް ފެތޭ އެއް މީހަކު

2. ޗައިނާއިން ދަތުރު ކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމަތް ހުރިކަމަށް ރިޕޯޓްކޮށްފައިވާ ނަމަވެސް ބަލި ހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ ހަތަރު މީހުން

3. ބަލީގެ އަލާމަތް ނުފެންނަ، އެހެންނަމަވެސް ޗައިނާއަށް ދަތުރުކޮށްފައިވާ ދިވެހި ދެ މީހުން

ހެޗްޕީއޭއިން ބުނީ، މި ހަތް މީހުން ދޫކޮށްލުމުން، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ނުވަތަ މޮނީޓާ ކުރަމުން އަންނަ މީހަކުވެސް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.