ސިޔާސީ

މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު ސަލީމްކަން ނޭނގުމަކީ އޮޕޮޒިޝަންގެ މައްސަލައެއް ނޫން: އާދަމް ޝަރީފު

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު)ކަން ނޭނގުމަކީ ޕޮޒިޝަންގެ މައްސަލައެއް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މި ވަނީ ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދާރީ ވެވޭނީ އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއްކަން ސާފުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މިދިޔަ އަހަރު އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލައްވައިގެން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވެވި ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ޕީޕީއެމަށް ސޮއި ކުރެއްވުމާއި ގުޅިގެން މަޖިލީހުގައި ޕީޕީއެމްގެ ހަ މެންބަރުން ތިއްބަވާނެ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި އެމްޕީ ލަތީފު ޕީޕީއެމްއަށް ސޮއި ކުރެއްވިކަން އިލެކްޝަނަށާއި މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ފަސް މެންބަރުން މަޖިލީހުގައި އެބަ ތިއްބެވި ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގައި ރިޔާސީ ބަޔާނަށް ޖަވާބުދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ޕާޓީން ކަމަށް ބަޔާންކޮށްފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.