ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ގައުމުތަކުން ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޗައިނާއިން އަންނަ މީހުން އެހެން ގައުމުތަކަށް އެތެރެވުން މަނާ ކުރަމުންދާއިރު ދުނިޔޭގެ އެއާލައިންތަކުން އަންނަނީ ޗައިނާއަށް އެ އެއާލައިންތަކުން ކުރަމުންދާ ދަތުރުތައް ހުއްޓާލަމުންނެވެ.
އެގޮތުން މިފަހުން ވިއެޓްނާމުން ޗައިނާއަށް ކުރަމުން އަންނަ ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، އިޓަލީން ވަނީ ޗައިނާއިން އެގައުމަށް އަންނަ ފްލައިޓުތައް އައުން މަނާކޮށްފައެވެ.
އޭގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން، ގަތަރު އެއާވޭސް އިން ވަނީ ޗައިނާއަށް އެ އެއާލައިނުން ކުރަމުން އައި ފްލައިޓް ދަތުރުތައް ހުއްޓާލަން ނިންމައިފައެވެ. ގަތަރު އެއާވޭސް އަކީ އެ ނިންމުން ނިންމި މެދުއިރުމަތީގެ ފުރަތަމަ އެއާލައިނެވެ.
ނަމަވެސް މި ނިންމުންތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ދީފައިވާ ލަފަޔާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކެއް ނޫނެވެ. ހާއްސަކޮށް ޗައިނާގެ އިގްތިސާދަށް އެއީ ގޮންޖެހުން ބޮޑު ނިންމުންތަކަކަށް ވާނެއެވެ.
ޑަބްލިޔުއެޗްއޯ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ޗައިނާއަށް ފްލައިޓުތައް ކުރާ ދަތުރުތައް މަނާ ނުކުރަން އެދިފައެވެ. އަދި އެފަދަ ނިންމުމެއް ނިންމާ ގައުމަކުން އެ ނިންމާ ނިންމުމެއްގެ ސައިންޓިފިކް ސަބަބެއް ދައްކަން ޖެހިދާނެ ކަމަށް ބުނެފައިވެއެވެ.
"ޗައިނާއާ ދެކޮޅަށް ދަތުރުފަތުރާއި ވިޔަފާރީގެ އަދި އެނޫން ވެސް ފިޔަވަޅެއް އެޅުމަށް ޑަބްލިޔުއެޗްއޯއަކުން ރިކޮމެންޑެއް ނުކުރަން. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް މި ޖަމިއްޔާއިން ދެކޮޅު. އެއްވެސް ފަރާތަކުން މިފަދަ ނިންމުމެއް ނިންމަން ވިސްނުމަކީ ގޯސް ވިސްނުމެއް،" ވައިރަހާ ދެކޮޅަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯއިން މިގޮތަށް ލަފައެއް ދީފައިވާއިރު ރާއްޖެއިން ވެސް ވަނީ ޗައިނާއިން ސީދާ ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އަދި އިއްޔެ ސަރުކާރުން ވަނީ ޗައިނާއިން އަންނަ އެއްވެސް ގައުމެއްގެ ފަތުރުވެރިއަކު ރާއްޖެ އެތެރެވުން ވެސް މަނާކޮށްފައެވެ.
މި ފިޔަވަޅުތައް އަޅަމުން އަންނަ ގައުމުތަކުން ބުނެފައިވާ ގޮތުގައި، ޗައިނާއިން އަންނަ މީހުން އަދި ޗައިނާއަށް ދާ މީހުންނާ ގުޅޭ ގޮތުން މި ފަދަ ފިޔަވަޅުތައް އަޅަން މަޖުބޫރު ވެފައި މި ވަނީ ކޮރޯނާ ވައިރަސް ފެތުރެމުންދާ ހަލުވި މިނަށް ބަލާފައި، އެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކަ އެވެ.