ކުއްލި ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އުމުރުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، އިއްޔެ ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މިއަދު ހަވީރު 5:30 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކުރީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ކަމަށެވެ.

އެކުއްޖާއަށް އެމީހާ ޖިންސީ ގޯނާކުރީ ފިހާރައެއްގެ ސޭޓަކަށް އިންދާ، އެ ފިހާރައަށް ވަދެ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމުން ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެހާދިސާ ހިނގި އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެން ގިނަ އަދަދެއްގެ މައްސަލަ ފުލުހުންނަށް ދަނީ ހުށަހެޅެމުންނެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ގިނައިން ހައްޔަރުކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ހަރު މީހުންނެވެ.

އެގޮތުން މިފަހުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ކުރީ ދުވަހު ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ހަތަރު ޒުވާނުން ހައްޔަރުކޮށްފައިވާއިރު 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ބުލެކްމެއިލް އަދި ރޭޕްކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.