މަސައްކަތްތެރީންނާއި ވަޒީފާ ދޭ ފަރާތުގެ ހައްގުތައް ހަމަހަމަ ގޮތެއްގައި ލިއްބައިދިނުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ލަތީފް އެ ބިލު ހުށަހަޅުމުގެ ބޭނުމަކީ ރާއްޖޭގެ ވަޒީފާގެ ދާއިރާގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ވަޒީފާދޭ ފަރާތްތަކާއި މަސައްކަތެރިންގެ މެދުގައި ހުޅުވިފައިވާ ދީމިގްރާތީ ގައުމުތަކުންނާއި އަދި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އަސާސީ ކޮންވެންޝަންތަކުގެ އަލީގައި އެފަދަ ކަންކަމުގައި މަޝްވަރާކުރުމުގައި އަމަލުކުރާ "ޓްރައިޕަރޓައިޒް ލޭބަރ ޑައިލޮގް"، ސަރުކާރުގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ނިޒާމެއްގެ ތެރެއިން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ދާއިރާއިން ރާއްޖޭގެ މަސައްކަތުގެ މާހައުލާއި އިގްޞާދު ހަރުދަނާ ކުރުން ކަމަށް ބުނެފައިވެއެވެ.
ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކޮށް ކުރިއެރުވުމުގެ ގޮތުން މަސައްކަތްތެރީންގެ ޖަމިއްޔާތަކާއި ނުވަތަ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޖަމިއްޔާތައް އުފައްދައި، ޓްރާޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގައި ދެމެދުގައި ކަލެކްޓިވް ބާގެއިނިންގ ނިޒާމެއް ގާއިމްކުރުން ވެސް އެ ބިލު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އިންޑަސްޓްރިއަލް ގުޅުމުގެ ތެރެއިން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގެ އަމަލުކުރާނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ވެސް ހިމެނެއެވެ.