ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން ރާއްޖެ އަންނަ މީހުން އެތެރެވުން މަނާކޮށްފިއެވެ.
ސަރުކާރުން އެކަން ހާމަކޮށްފައިވަނީ ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޓޫރިޒަމް މިނިސްޓަރު އިއްވެވި ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ، މިރޭ 00:00 އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން ރާއްޖެ އަންނަ އެއްވެސް ގައުމެއްގެ މީހަކަށް ރާއްޖެ އެތެރެ ނުވެވޭނެ ގޮތަށް ހަދަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޗައިނާއިން ރާއްޖެ އަންނަ ދިވެހިންނަށް އިތުރު ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓަރު އަލީ ވިދާޅުވީ، މިއީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވި ނިންމެވުމެއް ކަމަށެވެ.
ސަރުކާރުން މި ނިންމެވުން ނިންމެވިއިރު ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވުހާން ސިޓީގައި ތިބި ހަތް ދިވެހިން މިއަދު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. ނަމަވެސް އެމީހުން ރާއްޖެ ގެންނާނީ އިންޑިއާގައި ކަރަންޓީނުކޮށް ފަރުވާ ދިނުމަށްފަހުއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން މީގެކުރިން ސަރުކާރުން ވަނީ ޗައިނާއިން ސީދާ ރާއްޖެއަށް އަންނަ ފްލައިޓުތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.