މިންހާ ފާއިޒް ރަޝާދު
ޗައިނާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން އެބަލިން ސަލާމަތްވި މީހުންގެ އަދަދު އިތުރުވެ، ބަލި އިތުރަށް ފެތުރޭ މިންވަރު ވެސް ދަށް ވެއްޖެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ އޭނާ މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގަ އެވެ.
ސަފީރު ވިދާޅުވީ، މިއަދާ ހަމަޔަށް ޗައިނާއިން މި ބައްޔަށް 14380 މީހުން ޕޮޒިޓިވް ވެފައިވާއިރު ބައްޔަށް ޝައްކު ކުރެވޭ ތިބީ 19544 މީހުން ކަމަށެވެ. ބަލި ޖެހިގެން 304 މީހުން މަރުވެފައިވާއިރު 328 މީހުން ވަނީ ފަރުވާއަށްފަހު ސަލާމަތް ވެފައި ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ކޮރޯނާ ވައިރަހުން މަރުވާ މީހުނަށްވުރެ ފަރުވާއަށްފަހު ސަލާމަތްވި މީހުން ފުރަތަމަ ފަހަރަށް އިތުރުވެފައިވާކަން ސަފީރުގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައްޔަށް ޝައްކު ކުރެވިގެން އަލަށް ފެންނަ މީހުންގެ އަދަދު ދަށަށް ދާ ކަމަށް ވިދާޅުވެ، ގްރާފު ތަކެއް ވެސް ސަފީރުގެ ޓުވީޓާ އެކު ވަނީ ހިއްސާ ކުރައްވާފަ އެވެ.
ޗައިނާގެ ވުހާން ސިޓީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގެ 25އަށް ވުރެ ގިނަ ގައުމުން މިހާރު ފެނިފައިވާ ކަމަށް އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިވައިރަސްއަށް ޕޮޒިޓިވް ވި ގިނަ މީހުންނަކީ ޗައިނާ މީހުންނެވެ. ޗައިނާގެ 304 މީހުން މި ބަލީގައި މަރުވެފައި ވާއިރު ފިލިޕިންސްގެ ރައްޔިތަކު ވެސް އިއްޔެ ވަނީ މަރުވެފައެވެ.
އަވަށްޓެރި ސްރީލަންކާއިން މިބައްޔަށް ޕޮޒިޓިވް ވި ޗައިނާ މީހާ ފަރުވާއަށްފަހު ރަނގަޅުވުމާ ގުޅިގެންް އޭނާ ދޫކޮށްލާފައިވާ ކަމަށް އެ ގައުމުން އިއްޔެ ވަނީ ބުނެފަ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ދުނިޔޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު ކޮންމެހެން ދަތުރުކުރަން ނުޖެހޭ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ދަތުރު ނުކުރުމަށް ދިވެހި ސަރުކާރުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ބައްޔަށް އެއް ދިވެއްސަކަށް ޝައްކު ކުރެވި، ފުނަދޫގައި ކަރަންޓީނުކޮށްފައިވާ އިރު، އޭނާ ބައްޔަށް ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމަށް ހެދި ޓެސްޓުގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ލިބޭނެ ކަމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.