ކޮވިޑް 19

ނުފުރޭ ވަރަށް ބަލި އެކަކުވެސް ރާއްޖޭގެ ރިސޯޓެއްގައެއް ނެތް: މިނިސްޓަރު އަލީ ވަހީދު

އިބްރާހިމް ޒަކީ

ނުފުރޭ ވަރަށް ބަލިވެފައިވާ އެއްވެސް މީހަކު ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމަތު ދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކުގެ ތެރެއިން ތިން ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓެއްގައި މެޑިކަލް އުސޫލުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑަށް ބަލާއިރު މީހަކަށް ޝައްކު ކުރެވުނު ނަމަވެސް، ހަދާނެ ތަރުތީބުތައް ރޭވިފައިވާ ކަމަށެވެ.

އަދި އެ ތިން ރިސޯޓުގައި އެމިންގަނޑު ނެތުމާ ގުޅިގެން އެ ތިިންރިސޯޓުގެ ސެޓަޕް ހަދާނެގޮތް މެނޭޖްމަންޓްތަކާ ގުޅިގެން ތައްޔާރުކޮށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ޕެނިކް ވާކަށް ނުޖެހޭނެ، އަޅުގަނޑުމެން އެފަދަ އެއްވެސް މީހެއް، އެއްވެސް ސަސްޕެކްޓެއް، ނުވަތަ ކަންބޮޑުވާކަމެއް އޮތަސް އެކަން މެނޭޖް ކުރެވޭނެގޮތް ކަށަވަރު ވެފަ އޮތްވާހަކަ ވެސް ޔަގީންކޮށް އަރުވަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ނެރެފައިވާ މިންގަނޑަށް އެޗްޕީއޭއިން ނެރެފައިވާ ސާކިއުލާ ހުރިހާ ރިސޯޓްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މެނުއަލީ، އެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ގުޅައިގެން އެ ސާކިއުލާ ލިބުނުކަން ކަށަވަރު ކޮށްދީ، އެ މިންގަނޑުތައް ރިސޯޓޫތަކުގައި ފޮލޯކުރޭތޯ ސަރުކާރުން ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.