ކޮވިޑް 19

ރާއްޖޭގެ މުޅި އާބާދީއަށް ފުދޭވަރަށް މިރޭ މާސްކު ލިބޭނެ: އަލީ ވަހީދު

އިބްރާހިމް ޒަކީ

1

މިރެޔާއި ހަމަޔަށް ރާއްޖޭގެ މުޅި އާބާދީއަށް ފުދޭވަަރަށް ފޭސް މާސްކު ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ، ކޮރޯނާ ވައިރަހާގުޅިގެން ރާއްޖޭގެ ހާލަތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސުލް ޖުމްހޫރއްިޔާގެ އޮފީހުގައި މީގެ އިރުކޮޅެއް ކުރީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާއިރު، ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަސް ފެތުރުމުގެ ކަންބޮޑުވުންތައް އުފެދިފައިވާއިރު، ސަލާމަތީ ގޮތުން އަޅަން ޖެހޭ ފޭސް މާސްކްގެ ކަންތައްތަކުގައިވެސް ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ މުޅި އާބާދީއަށް ފުދޭ ވަރަށް މިރެޔާ ހަމައަށް މާސްކް ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފޭސް މާސްކު ގަންނަން ޑިސްޕެންސަރީތަކަށް މީހުން ތޮއް ޖެހޭ މައްސަލަ އާއި ބައެއް ތަންތަނުން މާސްކް އަގުބޮޑު ކުރާ މައްސަލައާ ބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އަގު ކޮންޓްރޯލް ކުރަން ޖެހިއްޖެއްޔާ ސަރުކާރުން އަގުވެސް ކޮންޓްރޯލް ކުރާނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހިއްޖެއްޔާ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީ ރައްޔިތުންގެ ސަރުކާރެއް ރައްޔިތުންނަށް ދައްޗެއްވާ ގޮތަކަށް އަގުތައް، އަރައިގެން ދިއުމުގެ ފުރުސަތެއް ދިވެހި ސަރުކާރަކުން ނުދޭނަން، އަގު ކޮންޓްރޯލް ކުރަންޖެހިއްޖެއްޔާ އަގު ކޮންޓްރޯލް ކުރާނަން، ކޮންމެ ފިޔަވަޅެއް ވެސް އަޅަމުން ގެންދާނީ އެ ފިޔަވަޅެއް އަޅަން ޖެހޭ ވަގުތާ ހާލަތަށް ބެލުމަށްފަހު،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިރޭ ގެންނަ މާސްކުގެ އިތުރުންވެސް ކޮންމެ ދުވަހަކު ރައްޔިތުންނަށް އިތުރަށް މާސްކް ބޭނުންވާނެތީ، މިހަފުތާގެ ތެރޭގައި އިތުރު މާސްކް ރާއްޖެ ގެންނާނެ ކަމަށެވެ. މާސްކުގެ އިތުރު ޝިޕްމަންޓްތައް ޝެޑިއުލް ކުރެވިފައިވާ ކަމަށާއި، މިހަފުތާގެ އެކި ތާރީހު ތަކުގައި އެކި ޝިޕްމަންޓްތައް ރާއްޖެ އަންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިފައިވާ މީހަކު ނަމަ، މުޅިން ރަނގަޅު ވަންދެން ގޭގައި މަޑޫ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރޯގާ ޖެހިފައިވާ މީހުން މަގު މައްޗަށް ނުކުންނަ ނަމަ، މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ސްކޫލްކުދިންވެސް ހަމަ އެ ގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟