ކޮވިޑް 19

ރާއްޖޭގައި ކަރަންޓީނުކޮށްފައިވާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހާގެ ޓެސްޓުގެ ނަތީޖާ މާދަމާ ލިބޭނެ

ރާއްޖޭގައި ހުރި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހާގެ ޓެސްޓުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ޓެސްޓުގެ ނަތީޖާ މިއަދު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ރޭ ވިދާޅުވި ނަމަވެސް، ޓެސްޓުގެ ނަތީޖާ މާދަމާ ލިބޭނެ ކަމުގެ ޔަގީންކަން ޑަބްލިއުއެޗްއޯ އިން މިހާރު ދީފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރޭ ހެލްތު މިނިސްޓަރު އެ މައުލޫމާތު ހާމަ ކުރެއްވީ، ޑަބްލިއުއެޗްއޯއިން ދިން މާއުލޫމާތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިނިސްޓަރަށް އެރުވި މައުލޫމާތަށް ބިނާކޮށް ކަމަށެވެ.

"މީކީ އެގްޒާމެއް ހަދާފަ ޓީޗަރަށް ދީފަ މާކް ކުރާހެން ދާ ކަމެއް ނޫން، ޕޭޕަވޯކްތައް ކޮމްޕްލީޓްވެގެން ލެބޯޓަރީތަކާ ހަމަޔަށް ވަކި ހުއްދަ ތަކަކާއެކު މި އެތެރެ ކުރެވެނީ، ރޭގަ މިނިސްޓަރު އެ ވިދާޅުވީ، ރެއަށް ޑަބްލިއުއެޗްއޯއިން، އެޗްޕީއޭއިން މިނިސްޓަރަށް ދެއްވާފައިވާ ހަމަ ފެކްޗުއަލީ ރައިޓް އިންފޮމޭޝަން އެހެންވީމަ އެއްވެސް ހާލެއްގައި ހެލްތު މިނިސްޓަރު ރޭ ދެއްވި މައުލޫމާތު ދޮގު ކުރަނީކީ ނޫން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ނިއުސް ކޮންފަރެންސް ފެށިއިރު، އެމީހާގެ ސާމްޕަލް ލެބޯޓަރީއަށް ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ނަތީޖާ މާދަމާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ޔަގީންކަން ދެވިދާނެ މި ޕްރެސް ކޮންފަރެންސް ފެށުމުގެ ކުރިން މިނިސްޓަރު، (ހެލްތު މިނިސްޓަރު) އެ ކަށަވަރުކަން ދެއްވާފައި ވަނީ ލެބޯޓްރީއަށް ސާމްޕަލް މިހާރު ވަނީ ވަދެފަ. މިވަގުތު މި ޕްރެސް ކޮންފަރެންސާ ހަމަޔަށް ދެއްވާފަ އޮތް ތާރީހަކީ ތިނެއް ފެބުރުއަރީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ ގާބިލުކަން ލިބިފައި ވަނީ ދުނިޔޭގެ ވަރަށް މަދު ލެބޯޓްރީ އަކަށެވެ. އެހެންކަމުން ރާއްޖޭން އެ ޓެސްޓް ހަދަން ޖެހެނީ އެހެން ގައުމަކަށް ފޮނުވައިގެންނެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، އެކަމާބެހޭ ކަންތައްތައް ދުވަހުން ދުވަހަށް ކުރިއަށް ދަނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ޔަގީންކަން ދެން އަދިއެއް ރާއްޖެއަކު ނެތް ކޮރޯނާ ވައިރަސް އެއް، އަދި ރާއްޖޭގައ އަޅުގަނޑުމެން ބޮޑު ހާސް ކަމަކަށް ގޮސްގެން، ޕަބްލިކް މުޅިން ޕެނިކަށް ދާކަހަލަ ހާލަތެއް ނެތް، ރާއްޖޭގައި މިވަގުތު އެންމެ ސަސްޕެކްޓެއް މިހުރީ، އަޅުގަނޑުމެންނަށް ލިބިފައި އޮތް މައުލުމާތުން މިހާރު އެ ސާމްޕަލް ވަނީ އެ ދާންވާ ތަނަށް ގޮސްފައި ޓެންޓެޓިވްލީ އަޅުގަނޑުމެނަށް ތިނެއް ފެބުރުއަރީގައި ރިޒަލްޓް ލިބޭ ވަރުވާނެ އެ ލިބުމާއެކު ރައްޔިތުންނަށް އޭގެ ރިޒަލްޓް ހާމަކުރާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.