އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅު ތަކަށް ހާއްސަކޮށްފައި އޮންނަ ކ. އަތޮޅު އާރަށް، ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެބޭ މީހުން ކަރަންޓީނުކޮށް ބައިތިއްބާނެ ތަނެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭން އަޅަމުން އަންނަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ބެހޭގޮތުން، ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިޔުސް ކޮންފަރެންސްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްްވަމުން، ރައީސް އުފެއްދެވި ޓާސްކްފޯސްގައި ވެސް ހިމެނިވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އާރަށް ހަމަޖެއްސެވުމަށް، އަމިއްލަފުޅަށް އިސް ނަންގަވައި އެ ކޮމިޓީއަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
"އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން، އިތުރު ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި، އިސްނަންގަވައި ރައީސް ވަނީ އާރަށް އޮފާކުރައްވާފަ." އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކަރަންޓީނު ފެސިލިޓީތައް ތިން ސަރަހައްދެއްގައި ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް އެދިވަޑައިގެންފައިވާ ގޮތަށް އޭގެ ތެރެއިން އާރަށަކީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި އާރަށް ތައްޔާރަށް އޮތް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"ތިން ސަރަހައްދެއްގައި ކެޕޭސިޓީ ހުންނަ ވަރަށް ތައްޔާރީތައް މިދަނީ ވަމުން، އެހެންވީމާ އާރަށް އެއީ ކަރަންޓީނު ފެސިލިޓީއަކަށް ބޭނުން ކުރަން އެޗްޕީއޭ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އާރަށް އެއޮތީ ތައްޔާރަށް،" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވާ ފޮނަދޫގެ އިތުރުން، ހުލުމާލޭ ދެވަނަ ފިޔަވަހީގައި އޮންނަ، ފަރުކޮޅު ފުށީގައި އިތުރު ފެސިލިޓީ ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިރެޔާ ހަމައަށް އިތުރު ކޮޓަރިތަކެއް އެތަނުގައި ގާއިމް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޓޯޓަލް އައުޓްބްރޭކަކަށް ގޮސްފި ނަމަ އެކަމަށް ތަައްޔާރު ވުމުގެ ކަންތައްވެސް ސަރުކާރުން ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން ޓޯޓަލް އައިސޮލޭޝަން ރަށެއް ތައްޔާރު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ފަރުކޮޅުފުށީގައި އިތުރު ފެސިލިޓީ މިރެޔާ ހަމަޔަށް އިތުރު ރޫމް ގާއިމް ކުރެވޭނެ، އޭގެ އިތުރުން ޓޯޓަލް އައުޓްބްރޭކަކަށް ގޮސްދާނެ ހާލަތަކަށް ޓަކައި ޓޯޓަލް އައިސޮލޭޝަން ރަށެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް އެބަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
އަލީވަހީދު ވިދާޅުވީ، އެކަމާ ގުޅިގެން ރައްޔިތުންނަށް ޓަކައި ރިސޯޓެއް ހުސްކޮށްފަ ވިޔަސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޓާސްކްފޯސް ކޮމިޓީގައި އެދިވަޑައިގެންފައިވާ ކަމަށާއި، އެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.