ކޮވިޑް 19

ލަންކާއިން ފެނުނު ކޮރޯނާވައިރަސް ޖެހިފައިވާ ޗައިނާ މީހާ، ފަރުވާއަށްފަހު އެބަލިން ރަނގަޅުވެއްޖެ

އަވަށްޓެރި ސްރީ ލަންކާއިން ފެނުނު ކޮރޯނާވައިރަސް ޖެހިފައިވާ ހަމައެކަނި މީހާ ފަރުވާއަށްފަހު އެ ބަލިން ރަނގަޅުވެއްޖެއެވެ.

ޗައިނާގެ ވުހާން އިން ފިރިމީހާއާއެކު ލަންކާއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އުމުރުން 43 އަހަރުގެ ޗައިނާ ފަތުރުވެރިއެއްގެ ގައިން ކޮރޯނާވައިރަސް ފެނުނުކަން ލަންކާއިން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

އޭނާގެ ގައިން ކޮރޯނާވައިރަސް ފެނުނުކަން އިއުލާން ކުރުމުގެ ކުރިން ވެސް ލަންކާގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލްގައި އޭނާއަށް ދިޔައީ ފަރުވާ ދެމުންނެވެ.

އޭނާއާ ގުޅޭގޮތުން ލަންކާގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަނިލް ޖާސިންގް ރިޕޯޓަރުންނަށް ވިދާޅުވީ، ޗައިނާގެ އެ މީހާ އެބަލިން އެއްކޮށް ރަނގަޅުވެފައިވާތީ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާއަކީ ލަންކާއިން އެ ވައިރަސް ފެނުނު ހަމައެކަނި ޕޭޝަންޓު ކަމަށް ވިދާޅުވިއެވެ.

ލަންކާއިން ކޮރޯނާވައިރަސް ފެނުނު ހަމައެކަނި ޕޭޝަންޓު އެބަލިން ރަނގަޅުވެފައިވާއިރު، ލަންކާ ސަރުކާރުން ވަނީ ވުހާންގައި ތިބި އެގައުމުގެ ކިޔަވާ ކުދިން މިއަދުގެ ވަގުތެއްގައި ލަންކާއަށް ގެންގޮސްފައެވެ.

ސްރީ ލަންކާގެ އަސްކަރިއްޔާ އިން ބުނީ، އެކުދިންގެ ތެރެއިން އެއްވެސް ކުއްޖެއްގެ ގައިން ކޮރޯނާވައިރަސްގެ އަލާމާތެއް އަދި ފެނިފައިނުވާ ކަމަށެވެ. ނަމަވެސް އެމީހުން މިހާރު ތިބީ ކަރަންޓީން ކޮށްފައެވެ.