ކޮރޯނާ ވައިރަސް އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރަންޖެހޭ ހާލަތެއް އަދި ރާއްޖޭގައި ނެތްކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފިއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް އައިޖީއެމްއެޗްގެ ތިން ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓީމުން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ދެ ކޭސް އެއް ފާހަގަވެފައި ވީނަމަވެސް ޔަގީން ކުރެވިފައިވާ އެއްވެސް ކޭސް އެއް އަދި ފެނިފައި ނުވާތީ ސްކޫލްތައް ބަންދު ކުރަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވީ އެޕިޑެމިއޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް އާއި ކޮންސަލްޓަންޓް އިން އިންޓަރނޭޝަނަލް މެޑިސިން ޑރ މުހައްމަދު އަލީ އަދި ކޮންސަލްޓަންޓް އިން ރެސްޕިރޭޓަރީ މެޑިސިން ޑރ މުސާ ހުސައިންއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން އާންމުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކޮށް މި ޓީމުގެ ފަރާތުން ވިދާޅުވީ "ރާއްޖޭގައި އަދި މިހާތަނަށް ކޮންޕޯމް ކޭސްއެއް ފެނިފައި ނެތުމުން އަދި ސްކޫލްތައް ބަންދު ކުރުމަށް ރިކޮމަންޑް ނުކުރަން" ކަމަށެވެ.
ސްކޫލް ބަންދު ނުކުރިކަމުގައި ވީނަމަވެސް ކުއްޖަކު ބަލިވެއްޖެނަމަ ބަލި ރަނގަޅުވަންދެން ސްކޫލަށް ނުފޮނުވުމަކީ މުހިއްމު ކަމެއް ކަމަށް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި ސުކޫލް ބަންދު ކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަން ޑަބްލިޔު އެޗް އޯގެ މިންގަނޑުގެ ތެރެއިން އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ދާނެކަމަށެވެ.
އާދައިގެ ރޯގާއެއް ޖެހިގެން ނަމަވެސް ކެއްސައި ކިނބިހި އަޅާ މީހެއް ނަމަ ބޭރަށް ނިކުންނައިރު މާސްކް ބޭނުންކުރުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް ޑޮކްޓަރުންގެ ޓީމުން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މަގުމައްޗަށް ކުޅު ނުޖެހުމަށާއި އަރިދަފުސް ސާފުކުރަން ބޭނުން ކުރާ ފޮތި އަދި ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު އެތަކެތި ޖީބަށް ލުމުގެ ބަދަލުގައި ރައްކާތެރިކަމާއި އެކު ނައްތާލުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ދެ ކޭސް މިހާތަނަށް ރިޕޯޓް ކުރެވި އެމީހުންނަށް ބަލި ޖެހިފައި ވޭތޯ ޔަގީން ކުރުމަށް އެމީހުންގެ ޓެސްޓްތައް ހެދުމުގެ މަރުހަލާގައި މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ހެލްތު މިނިސްޓރީން ވަނީ މީޑިއާ ތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ. ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު ފުރަތަމަ މީހާގެ ޓެސްޓްގެ ނަތީޖާ އާދިއްތަ ދުވަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.