ކޮވިޑް 19

ކޮރޯނާ ވައިރަސްގެ ސަބަބުން ވުހާން ސިޓީ ބަންދު، މީހުން ދިރިއުޅޭ ގޮތް އެނގޭތަ؟

މިންހާ ފާއިޒް ރަޝާދު

5

ޗައިނާގެ މެދުތެރޭ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ފެތުރިގެން ދިޔުމާއެކު އެސިޓީ ވަނީ މިދިޔަ މަހު 23ގައި ބަންދުކޮށްފައެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މިހާތަނަށް ޗައިނާއިން އެކަނިވެސް 10000އަށް ވުރެ ގިނަ މީހުން އިންފެކްޓް ވެފައިވާއިރު 258 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް މިއަދަދު މިއަށްވުރެ އިތުރު ވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެމީހުން ލަފާ ކުރާ ގޮތުގައި މިހާތަނަށް 75000އަށް ވުރެ ގިނަ މީހުނަށް ހަމައެކަނި ވުހާން ސިޓީންވެސް މި ވައިރަސް ވާނީ ޖެހިފަ އެވެ.

11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވުހާން ސިޓީން ވައިރަސް ފެނުމާއެކު އިތުރަށް ފެތުރުން ހުއްޓުވުމަށް އެސިޓީ އަށް އެތެރެ އަދި ބޭރުވާ ހުރިހާ މަގުތަކެއް ވަނީ ބަންދުކޮށްފައެވެ. އެގޮތުން ފްލައިޓުތަކާއި ރޭލުތަކުގައި އެސިޓީއަށް ދަތުރުފަތުރު ނުކުރެވޭނެ ގޮތް ވަނީ ހަދާފަ އެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީގައި ވެސް ދިވެހިން އެބަ ތިއްބެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެ ސިޓީގައި ހަ ދިވެހިން އެބަ ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންގައި ހިލޭ ރާއްޖެއަށް އާދެވޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

އެހާ އާބާދީ ބޮޑު ސިޓީއެއް އެކީ ބަންދު ކުރުމުން ގިނަ ދަތިތަކެއް ކުރިމަތިވާނެއެވެ. ވައިރަސްގެ ބިރާއެކު އާންމު ދިރިއުޅުންވެސް ހުއްޓިގެން ދާނެއެވެ. ސީއެންއެން އިން މިވަނީ ވުހާން ސިޓީ ބަންދު ކުރުމުން އެތާ ދިރިއުޅޭ މީހުން އުޅޭ ގޮތް ފެންނަ ވީޑިއޯ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. ތިރީގައި އެ ވީޑިއޯ ހިއްސާކޮށްލާނަމެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް އެ ސިޓީން ބޭރުވެ ހަލުވިކަމާއެކު ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރިގެން ދިޔުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

މި ބަލި މިހާރު ވަނީ ޗައިނާއިން ބޭރު 18 ގައުމަކުން ފެނިފައެވެ. ރާއްޖެއިންވެސް ބައްޔަށް ޝައްކު ކުރެވިގެން އެކަކު ވަނީ ފޮނަދޫގައި ކަރަންޓީން ކޮށްފައެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށާއި ދެދުވަހެއްގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބޭނެ ކަމަށް ރޭ، ހެލްތު މިނިސްޓްރީން ބޭއްވި ޕްރެސް ގައި މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟