1996 ގައި ރިލީސްކުރި ކުޑަ ކުދިންގެ ހާއްސަ ފިލްމު މެޓިލްޑާގެ މުޅިން އާ ފިލްމެއް ނެޓްފްލިކްސް އިން ގެންނާނެ ކަމަށް ބުނެފިއެވެ.
ހޮލީވުޑް ރިޕޯޓް ނޫހުގައި ބުނެފައިވަނީ މެޓިލްޑާގެ އާ ފިލްމެއް އުފައްދަނީ ސޮނީ ޕިކްޗާސް އާއި ނެޓްފްލިކްސްގެ އާ ޕާޓްނާޝިޕްގެ ދަށުން ކަމަށެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ފިލްމު ޑައިރެކްޓް ކުރާނީ ފުރަތަމަ މެޓިލްޑާވެސް ޑައިރެކްޓް ކުރި މެތިއު ވާޗުސްއެވެ. އަދި އޭގައި ތިއެޓްރިކަލް ބައެއް ހިމެނިގެންދާއިރު ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ލުމުގެ ކުރިން ޔޫކޭގައި ފިލްމު ދައްކާނެ ކަމަށެވެ.
ހޮލީވުޑް ރިޕޯޓަށް މައުލޫމާތު ދިން ފަރާތުން ބުނީ ފިލްމު އުފައްދާ ގޮތާ މެދު އަދި މާބޮޑު ނިންމުންތަކެއް ނިންމާފައި ނުވާ ކަމަށާއި ސޮނީ އާއި ނެޓްފްލިކްސް އިން ފިލްމުގެ ހަރަދުތައް ބަހާނެ ގޮތަކާމެދު ވެސް އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
މެޓިލްޑާ ފިލްމުގެ ކާމިޔާބީއަށް ފަހު އޭގެ މިއުޒިކަލް އެޑަޕްޓޭޝަންތަކެއް ވަނީ ކާމިޔާބުކަމާއެކު ލަންޑަނާއި އޮސްޓްރޭލިޔާގައި ކުރިއަށް ގެންގޮސްފައެވެ.
މެޓިލްޑާ ފިލްމުގެ ބަތަލާ، މަރާ ވަނީ 2000 ވަނަ އަހަރު ފިލްމު އިންޑަސްޓްރީއާ ދުރަށް ގޮސްފައެވެ. ފިލްމު އިންޑަސްޓްރީން ވަކި ވަމުން އޭނާ ލިޔުނު ބްލޮގެއްގައި ބުނެފައިވަނީ ފިލްމު ތަކުގައި އެކްޓް ކުރުމަކީ އެހާ މަޖާކަމެއް ނޫން ކަމަށެވެ.
"އެއްކަމެއް އެތައް ފަހަރު ކުރަން ޖެހެނީ، ޑައިރެކްޓަރު ބޭނުންވާ ގޮތަށް ކުރެވެންދެން. އޭގެ ސަބަބުން އަމިއްލަ ހުނަރެއް ނުދެއްކޭ. ކްރިއޭޓިވް ފްރީޑަމެއް ނެތް." މަރާގެ ބްލޮގް ގައި ލިޔެފައިވެއެވެ.