ކުއްލި ޚަބަރު

ކޮރޯނާވައިރަސްއާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފި

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ދުނިޔޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

ޑަބްލިޔުއެޗްއޯ އިން އެކަން އިއުލާން ކޮށްފައި ދުނިޔޭގެ އެކި ހިސާބުން އެ ބައްޔަށް ޝައްކުކުރެވޭ 8200 އަށްވުރެ ގިނަ މީހުން ފެނި، އެބަލީގައި މިހާތަނަށް 171 މީހުން މަރުވި ފަހުންނެވެ. އަދި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާ އިން ބޭރުން 18 ގައުމަކަށް އެ ބަލި ވަނީ ފެތުރިފައެވެ.

އެގޮތުން އެކަކުގެ ގައިން އަނެކަކަށް އެބަލި ޖެހިގެން އަށް ކޭސް އެއް މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ. އެއީ ޖަރުމަނާއި، ޖަޕާން އަދި ވިއެޓްނާމާއި އެމެރިކާއެވެ.

ސިއްހީ ކުއްލި ހާލަތު ޑަބްލިޔުއެޗްއޯ އިން އިއުލާން މިކުރީ އެޖަމިއްޔާގެ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީގެ ދެވަނަ ކުއްލި ބައްދަލުވުން ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ ހެޑްކުއާޓާޒްގައި ބޭއްވުމަށްފަހުއެވެ.

އަދި މި ނިންމުމުގެ މާނައަކީ، ވައިރަސްއާ ކުރިމަތިލުމުގައި ޑަބްލިޔުއެޗްއޯގެ އިރުޝާދާއެކު ދުނިޔޭގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ހާލަތެކެވެ.

"ކުއްލި ހާލަތު އިއުލާން ކުރުމުގެ މައިގަނޑު ބޭނުމަކީ ޗައިނާއަށް ވަމުންދާ ގޮތުން އެކަންޏެއް ނޫން. ނަމަވެސް ދުނިޔޭގެ އެހެންގައުމުތަކަށް ވެސް އޭގެ އަސަރު ކުރަމުންދާތީ،" ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޯސް އަދާނޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޑަބްލިޔުއެޗްއޯގެ އެންމެ ބޮޑު ކަންބޮޑުުވުމަކީ ސިއްހީ ދާއިރާ ނިކެމެތި ގައުމުތަކަށް އެ ވައިރަސް ފެތުރިގެން ދިއުމެވެ.