ކޮވިޑް 19

"ކޮރޯނާއަށް ޝައްކުކުރެވޭ މީހާ ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައި، އޭނާ ކޮޓަރިން ބޭރަށް ނުކުމެފައެއް ނުވޭ"

7

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ދިވެހި މީހާ ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ ރާއްޖެ އައުމަށްފަހު އޭނާގެ ކޮޓަރިން ބޭރަށް ނުކުމެފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭ 20 އަހަރުގެ ފިރިހެން މީހާ މިދިޔަ ދުވަސްތަކުގައި ދިޔަ ތަންތަން މިނިސްޓްރީން ބަލާފައިވާ ކަމަށެވެ.

"ވޫހާން އަދި ހޫބޭ ޕްރޮވިންސަށް އޭނާ ދަތުރުކޮށްފައެއް ނެތް. އޭނާ އައުމަށްފަހު ހިސްޓަރީ އާއި ކަންކަން މިހާރު ވެސް ކުރަމުންދަނީ. ހުރިހާ މައުލޫމާތެއް ކަށަވަރުވާ ހިސާބުން އަޅުގަނޑުމެން ތިބޭފުޅުން ވެސް އެ މައުލޫމާތުތައް އަރުވާނަން. އޭނާ ރާއްޖެއަށް އައީ ރޭގައި. އަޅުގަނޑުމެން އާއިލާއާ ވެސް ވާހަކަދެކެވި، އާއިލާއަށް ވެސް ދޭން ޖެހޭ މައުލޫމާތުތަކާއި ކުރަން ޖެހޭ މުއާމަލާތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ރާއްޖެ އައުމަށްފަހު އޭނާ ގެއިން ބޭރަށް އަދި އޭނާގެ ކޮޓަރިން ބޭރަށް ވެސް ނުކުމެފައި ނުވާ ކަމަށާއި އޭނާ އިތުރު ބަޔަކާ ކޮންޓެކްޓް ވެފައެއް ވެސް ނުވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އޭނާ މިދިޔަ ދުވަސްތަކުގެ ތެރޭގައި ދިޔަ ސަރަހައްދުތައް ބަލާފައިވާނެ ކަމަށާއި އޭނާ ދިރިއުޅޭ ޗައިނާގެ ޕްރޮވިންސަގައި މިހާތަނަށް ވައިރަސްއަށް ޝައްކުކުރެވިފައިވަނީ 101 މީހުން ކަމަށެވެ. އަދި އެ ޕްރޮވިންސުން މިހާތަނަށް އެ ވައިރަސްއާ ގުޅިގެން މީހަކު މަރުވެފައިނުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ޒުވާނާ މިހާރު ހުރީ ކ. ފުނަދޫ އައިސޮލޭޝަން ފެސިލިޓީގައެވެ. އޭނާއަކީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މީޓް މާކެޓަކަށް ޒިޔާރަތްކޮށްފައިވާ މީހެކެވެ. އެއީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަދި އިތުރަށް ބަލައި މޮނީޓާކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ މިންގަނޑެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟