ކޮވިޑް 19

ރާއްޖެއިން ވެސް ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

5

ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ވެސް ފެނިއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭ 20 އަހަރުގެ ދިވެއްސަކު ރާއްޖެއިން ފެނިފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ޒުވާނާ މިހާރު ހުރީ ކ. ފުނަދޫ އައިސޮލޭޝަން ފެސިލިޓީގައި ކަމަށާއި އޭނާއަކީ ޗައިނާއަށް ދަތުރުކުރި މީހެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ 20 އަހަރުގެ ދިވެއްސެއް. އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން ވެސް އޭނާ ބަލާފައި، އެބޭފުޅުންގެ ޓެސްޓުކުރުންތަކަށްފަހު އަޅުގަނޑުމެން މިހާ ހިސާބަށް މިއައީ. އޭނާ މީޓް މާކެޓަކަށް ގޮސްފައި ހުރުން އެއީ އަޅުގަނޑުމެން ބަލަން ޖެހޭނެ ކަމެއް. އެހެންވީމާ އެއީ ކިތަންމެ އަސާސީ ކަމެއް ކަމުގައިވިޔަސް، މިންގަނޑުތަކަށް ފެތޭ ކަމަށްވާނަމަ، އަޅުގަނޑުމެން އުސޫލުގެ ތެރެއިން ބަލަން ޖެހޭ އެންމެ ފުނަކަށް، އެންމެ ދުރަކަށް ބެލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެލި އިރުގައި ހުމުގެ އަސަރެއް ނެތް ކަމަށާއި ރާއްޖެ އައުމަށްފަހު ރޯގާގެ ކަމެއް ހުރިކަން ފާހަގަކުރެވިގެން ޓެސްޓުކުރި އިރުވެސް އޭނާގެ ހުމުގެ އަލާމާތެއް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ސްކްރީނިންގެ ތެރޭގައި އޭނާގެ ޓްރެވަލް ހިސްޓަރީއާއި އޭނާ ދިޔަ ތަންތަނުގެ މައުލޫމާތު ހޯދުމުގެ ތެރެއިން އޭނާ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ ސަރަހައްދެއްގެ މީޓް މާކެޓަކަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން މި ގިންތިތަކުން އެއްވެސް ކަމެއް ފާހަގަކުރެވިފައިވާ ފަރާތެއްވާ ނަމަ، އަޅުގަނޑުމެން އެމީހުން އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓައިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާނީ. އެހެންވީމާ މި ސާމްޕަލް ފޮނުވައިގެން ޑަބްލިޔުއެޗްއޯ މެދުވެރިކޮށް މިހާރު ސާމްޕަލް ފޮނުވުމުގެ މަސައްކަތް ފެށިފައިވަނީ. ސާމްޕަލް ފޮނުވައިގެން ވީހާ އަވަހަކަށް އަޅުގަނޑުމެން ޓެސްޓުކުރާނަން. ދެން އައިސޮލޭޓްކޮށްފައި ބެހެއްޓޭނީ އަޅުގަނޑުމެންގެ އައިސޮލޭޝަން ފެސިލިޓީއެއް ކަމުގައިވާ ފުނަދޫގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އޭނާ މިދިޔަ ދުވަސްތަކުގެ ތެރޭގައި ދިޔަ ސަރަހައްދުތައް ބަލާފައިވާނެ ކަމަށާއި އޭނާ ދިރިއުޅޭ ޗައިނާގެ ޕްރޮވިންސަގައި މިހާތަނަށް ވައިރަސްއަށް ޝައްކުކުރެވިފައިވަނީ 101 މީހުން ކަމަށެވެ. އަދި އެ ޕްރޮވިންސުން މިހާތަނަށް އެ ވައިރަސްއާ ގުޅިގެން މީހަކު މަރުވެފައިނުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ވޫހާން އަދި ހޫބޭ ޕްރޮވިންސަށް އޭނާ ދަތުރުކޮށްފައެއް ނެތް. އޭނާ އައުމަށްފަހު ހިސްޓަރީ އާއި ކަންކަން މިހާރު ވެސް ކުރަމުންދަނީ. ހުރިހާ މައުލޫމާތެއް ކަށަވަރުވާ ހިސާބުން އަޅުގަނޑުމެން ތިބޭފުޅުން ވެސް އެ މައުލޫމާތުތައް އަރުވާނަން. އޭނާ ރާއްޖެއަށް އައީ ރޭގައި. އަޅުގަނޑުމެން އާއިލާއާ ވެސް ވާހަކަދެކެވި، އާއިލާއަށް ވެސް ދޭން ޖެހޭ މައުލޫމާތުތަކާއި ކުރަން ޖެހޭ މުއާމަލާތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މި ހާލަތުގައި ވެސް ރާއްޖެއިން އަމަލުކުރަމުންދާނީ އެހެން ގައުމުތަކެކޭ އެއްފަދައިން ޑަބްލިޔުއެޗްއޯ އާއި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއެކު ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަމުން ގެންދާނެ ކަމަށެވެ.

ރާއްޖެ އައުމަށްފަހު އޭނާ ގެއިން ބޭރަށް އަދި އޭނާގެ ކޮޓަރިން ބޭރަށް ވެސް ނުކުމެފައި ނުވާ ކަމަށާއި އޭނާ އިތުރު ބަޔަކާ ކޮންޓެކްޓް ވެފައެއް ވެސް ނުވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟