ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ޕާޓްނަރުންނާއެކު މިއަދު ސޮއިކޮށްފިއެވެ.
މާގިރި ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ލަގްޒަރީ ޔޮޓާއި ފައިބަރު ބޯޓުފަހަރު ބަނުމުގައި ދުނިޔޭގެ މަޝްހޫރު ކުންފުނި ގަލްފު ކުރާފްޓެވެ.
ގޯލްޑު ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެއަށް ތެޔޮ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުމުގައި އެންމެ ބޮޑު އެއް ކުންފުނި، ދަ ހޯކްސް ޕްރައިވެޓް ލިމިޓަޑެވެ. މިއީ ސަޓާގެ ގޯލްޑު ޕާޓްނަރަކަށް ހޯކްސް ހަމަޖެއްސި ހަތަރު ވަނަ އަހަރެވެ.
ހައިރައިޒް އިން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓޭލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުންދާ އެވޯޑަކަށެވެ. އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. އަދި ޖެހިގެން އައި 2017 އަހަރު ރާއްޖޭގެ އައްޑޫ ސިޓީގެ އީކުއޭޓާ ވިލޭޖުގައި އެވޯޑް ހަފްލާ ބޭއްވިއިރު 2018 ވަނަ އަހަރު ސަޓާ އެވޯޑްސް ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ. އަދި މިދިޔަ އަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގޯލްގައެވެ.
އެގޮތުން މިއަހަރުގެ ސަޓާ އެވޯޑްސްގައި ވިޒިޓާސް ޗޮއިސް އަދި ސްޕެޝަލަ ރިކޮގްނިޝަން އެވޯޑްސްގެ އިތުރަށް ނުވަ ކެޓަގަރީއެއް އިތުރުކޮށް، ޖުމްލަ 52 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.
ސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް އެވޯޑުތަކަށް ނޮމިނޭޓް ކުރެވޭއިރު ނޮމިނޭޝަނަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 29ގެ ނިޔަލަށެވެ.