ސައުތު އޭޝިއާގެ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ރިކޮގްނިޝަންކަމުގައިވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މި އަހަރުގެ އެޑިޝަންއަށް ނަން ހުށަހަޅަން ހުޅުވާލައިފިއެވެ.
އޮންލައިންކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ސަޓާއިން މިހާރު ހުޅުވައިލާފައިވާ އިރު، ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
ސަޓާއިން ވަނީ މި އަހަރު އިތުރު ދެ އެވޯޑެއް ތައާރަފުކޮށްފައެވެ. އެއީ ވިޒިޓާސް ޗޮއިސް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑެވެ.
ސަޓާ އެވޯޑްސްއަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގައުމުތައް ހިމެނޭ ގޮތަށް 17 ފަރާތަކުން އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޓާޓޯ އާއި އެމްއެމްޕީއާރްސީ އާއި އެންބީއޭއެމް ހިމެނެއެވެ.
ސަޓާ އެވޯޑް ހަފުލާގެ ތެރެއިން ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ ޓްރެންޑްތައްވެސް ދައްކައިލާނެއެވެ.
ސަޓާއަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ސަޓާ އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުންނެވެ.
މިދިޔަ އަހަރުގެ ސަޓާ އެވޯޑްގައި ރާއްޖެއަށް ވަނީ 17 ސިލްވާ އެވޯޑް އަދި 14 ގޯލްޑް އެވޯޑް ލިބިފައެވެ. އަދި ދެކުނު އޭޝިއާގެ ޓޫރިޒަމް ސިނާއަތުގެ ފޭސްގެ ގޮތުގައި ސަޓާއިން ހޮވާފައިވާ ހަތަރު މީހުންގެ ތެރޭގައި ރާއްޖޭގެ މުހައްމަދު އަލީ ޖަނާހާއި އެމްޔޫ އުމަރު މަނިކް ހިމެނެއެވެ.