ކޮވިޑް 19

ސަރުކާރުގެ އިލްތިމާސް: މީ ހައްސާސް ވަގުތެއް، އެއްވެސް ފަރާތަކުން ސައްހަ ނޫން މައުލޫމާތު ނުފެތުރުން އެދެން

މަރިޔަމް ޝަހުދާ

ކޮރޯނާ ވައިރަސް މުޅި ދުނުޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ މި ހާލަތަކީ ހައްސާސް ވަގުތެއް ކަމަށާއި މި ކަމާ ގުޅޭ ގޮތުން ސައްހަ ނޫން ތޯތޯ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިލްތިމާސް ކުރެއްވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުގެ ހާލަތަކީ ސީދާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައި އޮތް ކަމެއް ކަމަށެވެ. މިފަދަ ހާލަތެއްގައި ރައްޔިތުންނަށް ސާފު ތެދު މައުލޫމާތު ހިއްސާކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އަދި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ހަގީގަތެއް ނެތް ވާހަކަތައް ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިހާރުގެ ހާލަތުގައި އެންމެ މުހިއްމު ބަޔަކީ ނޫސްވެރިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޒިންމާދާރުކަމާއެކު ރާއްޖޭގެ މީޑިއާއިން ދައުލަތުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. މިނިސްޓަރު ވިދާޅުވީ މި ހާލަތުގައި ރާއްޖޭގެ ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ކާމިޔާބުކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެވެން އޮތީ އެކަމުގައި މީޑިއާގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ މިހާތަނަށް ނޮވެލް ކޮރޯނާ ވައިރަސް ހުރި ނުވަތަ އެބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން އަދި ނުފެންނަ ކަމަށް ބުނެފައެވެ. ނަމަވެސް މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑުވުމުން އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ސަރުކާރުން ބުނެއެވެ.