ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމު ތަކަށް ދިވެހީން މިދުވަސްވަރު ދަތުރު ނުކުރުމަށް ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ދުނިޔޭގައި މިހާރު ހަލުވިކޮށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އާއި ބެހޭގޮތުން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި، ކުރަމުން އަންނަ ކަންތައްތަކާބެހޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެގައުމުތަކަށް ދަތުރު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާގެ އިތުރުން މިބަލި ފެނިފައިވާ ގައުމުތަކަށް ދިވެހިން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް ޓްރެވަލް އެޑްވައިސަރީ ނެރޭނެ ކަމަށެވެ. އަދި ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫން ގޮތަކަށް އެ ގައުމުތަކަށް ދަތުރު ނުކުރުމަށް ސަރުކާރުން އިލްތިމާސް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ހަލުވި ކަމާއެކު މުޅި ދުނިޔެއަށް ކޮރޯނާ ވައިރަސް ފެތުރެމުންފާއިރު، އަވަށްޓެރި އިންޑިއާ އަދި ސްރީންކާއިން މިިބަލި ވަނީ ފެނިފައެވެ. އަދި މިހާތަނަށް މުޅި ދުނިޔެއިން މި ބައްޔަށް ޕޮސިޓިވްވެފައިވާ 6056 މީހުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.