ކޮވިޑް 19

ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރު ކުރާ ފްލައިޓްތައް ވަގުތީގޮތުން މެދު ކަނޑާލައިފި

އިބްރާހިމް ޒަކީ

ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރު ކުރާ ފްލައިޓްތައް ވަގުތީގޮތުން މެދު ކަނޑާލައިފިއެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ބެހޭގޮތުން ދިވެހި ސަރުކާރުން އަޅަމުންދާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާބެހޭ މައުލޫމާތު ދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުން އެގޮތަށް ނިންމެވީ ސަލާމަތީގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތައް މެދުކަޑައިލީ ހަމަ އެކަނި، ސީދާ ޗައިނާއިން ރާއްޖެ އަންނަ ފުލައިޓްތައް ކަމަށެވެ. އަދި އެގޮތަށް ނިންމީ ރޯގާގެ ކަންތައްތައް އިތުރު ވަމުންދިޔަ ނިސްބަތަށް ބަލައި، ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބެލުމަށްފަހު، މިވަގުތު ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

"މިވަގުތު މި މެދު ކަނޑައިލީ ހަމައެކަނި ޗައިނާއިން ސީދާ އަންނަ ފުލައިޓުތައް، އެއީ އަޅުގަނޑުމެންގެ މަޝްވަރާގެ މަތިން މިވަގުތައް ނިންމައިފަ އޮތް ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޗައިނާ އާއި އަދިވެސް އެ ރޯގާ ފެތުރެމުންދާ ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް ދިވެހި ރައްޔިތުންނަށް ދިވެހި ސަރުކާރުން އިލްތިމާސް ކުރާ ކަމަށެވެ.

މިކަމަށް ސަރުކާރުން އިލްތިމާސް ކޮށްފައިވާއިރު، ދިވެހިން އެންމެ ގިނައިން ދަތުރު ކުރަނުންދާ، އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާއިން ވެސް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ވަނީ ފެނިފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ވޫހާން ސިޓީއަކީ ނޮވެލް ކޮރޯނާ ވައިރަސް ފެތުރުނު މައި މަރުކަޒު ކަމަށެވެ. އެ ތަނުގައި ނުވަ ދިވެހިން އެބަތިބި ކަމަށާއި، އެމީހުން އެތަނުން ނެރުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެސިޓީ ބަންދު ކޮށްފައި ވުމުގެ ސަބަބުން އެތަނުގެ ހާލަތު ދަށްވެ ކާބޯތަކެތި ލިބުން ދަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ވަރަށް ގާތުން އެމީހުންގެ ހާލަތު ބަލަމުންދާ ކަމަށާއި، ކާބޯތަކެތި ގަތުމަށް އިތުރަށް ހަރަދު ކުރުމަށް އޭގެ ތެރެއިން ކޮންމެ މީހަކަށް ދުވާލަކު 50 ޑޮލަރު ލިބޭނެ ގޮތް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވާފައިވާ ކަމަށެވެ.

"ވޫހާން ސިޓީ އެއީ ޗައިނާގެ، މި ރޯގާ ފެށުނު މައި މަރުކަޒު، ޗައިނާ ސަރުކާރުން އެސިޓީ މިހާރު އެވަނީ ބަންދު ކޮށްފަ، "ލޮކްޑައުން" އެމީހުން ބޭނުން ކުރާ އިނގިރޭސި ބަހަކީ. އެތަނުން މީހުން ނުކުތުން، އެތަނަށް މީހުން ވަނުން މަނާ. އެހެންވީމަ އެރަށުގެ ހާލަތު ދަށް، ކާބޯތަކެތި ލިބުން ދަތި، އަގުތައް އިންތިހާއަށް މައްޗަށް ގޮސްފި. އެ މައުލޫމާތު އަޅުގަނޑުމެންނަށް އެނގޭ، ރައީސުލް ޖުމްހޫރިއްޔާއާ ހަމައަށް އެ މައުލުމާތު ދިއުމުން ރައީސުލް ޖުމްހޫރިއްޔާ ވަނީ ކޮންމެ މީހަކަށް 50 ޑޮލަރު ދުވާލަކަށް، ކާބޯތަކެތި ހޯދުމަށް އިތުރަށް ހަރަދުތައް ބޮޑުވެގެން ދިޔައިމަ ހަމަޖައްސަވައި ދެއްވައިފަ. ވަރަށް ގާތުން ދިވެހިންގެ ހާލަތު އެރަށުގައި ބަލަމުން މިދަނީ، މީ ހާއްސަ ހާލަތެއް. ރަށެއްގެ ތެރޭގައި ބަންދުވެފައި މިތިބީ އެރަށަކީ ނުރައްކާތެރި ރޯގާއެއް ފެތުރެމުންދާ ތަނެއް. އެތަނުން އެމީހުން ނެރެވޭތޯ މިބަލަނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން އަންނަން ބޭނުންވަނީ ހަތް މީހުން ކަމަށެވެ. އަދި އެހެން ގައުމަކާ ގުޅިގެން އެމީހުން އެ ސިޓީން ނެރެ ރައްކާތެރި ސަރަހައްދަކަށް ވަރަށް އަވަހަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމީހުން ރާއްޖެ ގެންނާނީ އެތަނުން ނެރެގެން އެމީހުނުް ގެންދާ ގައުމުގެ ޕަބްލިކް ހެލްތު ރިކުއެމެންޓާ އެއްގޮތަށް ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހުގައި ކަމަށެވެ.