ކޮވިޑް 19

އިންޑިއާގެ ކެރެއްލާއިން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

މަރިޔަމް ޝަހުދާ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްގެ ކޭސްއެއް އަވަށްޓެރި އިންޑިއާއިން ފެނިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓު ކުރާ ގޮތުގައި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވި މީހާ ފެނިފައިވަނީ އިންޑިއާގެ ކެރެލާ އިންނެވެ.

ޓައިމްސް އޮފް އިންޑިއާއިން އިންޑިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބުނި ގޮތުގައި އިންޑިއާގެ ކެރެލާއިން ކޮރޯނާ ވައިރަސް އަށް ޕޮސިޓިވްވި މީހަކީ ޗައިނާގެ ވުހާން ޔުނިވާސިޓީގައި ކިޔަވަމުން އައި ދަރިވަރެކެވެ.

މިހާރު މި މީހާ ވަނީ ހޮސްޕިޓަލުގައި އައިސޮލޭޓް ކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި އެމީހާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނާ ކަމަށް ވެސް އެގައުމުގެ ނޫސްތަކުގައި ވެއެވެ.

އިންޑިއާއިން މީގެ ކުރިންވެސް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހުން ފެނި، އެމީހުން ޓެސްޓުކޮށްފައި ވެއެވެ. މީގެ އިތުރުން ކޮރޯނާ ވައިރަސްއަށް އެކްސްޕޯސްވެފައިވާ ކަމަށް ބެލެވޭ 10 މީހަކު އިންޑިއާގެ މަހަރާޝްތާ ސްޓޭޓުގައި މިހާރު އައިސޮލޭޓް ކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ.

އިންޑިއާގެ ކެރެއްލާ ސްޓޭޓުގެ ވެރިކަން ކުރާ ސިޓީ، ޓްރިވެންޑްރަމް އަކީ ދިވެހީން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަކަށް ދަތުރުކުރާ ތަނެކެވެ. ބޭސްފަރުވާއަށް ދަތުރުކުރާ އެންމެ ގިނަ ދިވެހީން ދަތުރުކުރަނީ ޓްރިވެންޑްރަމް އަށެވެ. އެ ތަނުގައި ގިނަ އަދަދެއްގެ ދިވެހީން ދިރިވެސް އުޅެއެވެ.