ހުސްނުއްސުއޫދު

މަރުގެ މައްސަލަތަކުގެ ތަހުގީގު ވީހާވެސް ހާމަކަން ބޮޑުކޮށް ގެންދަން މަސައްކަތް ކުރާނަން: ކޮމިޝަން

ޝަހީދާ އަބްދުﷲ ސައީދު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަންގެ ޗެއާ ހުސްނުއްސުޢޫދު ވިދާޅުވީ ރިޔާސީ ކޮމިޝަނުން މަރުގެ މައްސަލަތައް ތަހުގީގު ކުރާއިރު، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސުއޫދު ވިދާޅުވީ އެހެން ނަމަވެސް، ޖިނާއީ ދައުވާއަކާ ހަމައަށް ދާ މައްސަލަތަކުގައި ބައެއް ކަންކަން ހާމަނުކުރެވި ހުރެދާނެ ކަމަށެވެ.

މީގެއިތުރުން ސުޢޫދު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތަށް ބޭރުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ފަންނީ އަދި މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށް ސުޢޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ އެކޮމިޝަނަކީ ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައިވާ ކޮމިޝަނަކަށް ވާން ބޭނުން ނުވާކަމަށެވެ. ކޮމިޝަނުން މައްސަލަތައް ބަލައި ނިންމަން ދެއަހަރު ލިބިފައި ވީނަމަވެސް، އެއަށްވުރެ މާ އަވަހަށް މައްސަލަތަކުގެ ތަހުގީގު ނިންމަވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުކޮށްގެން ހިންގާ ކޮމިޝަނެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެއަހަރުގެ ތެރޭގައި މައްސަލަތައް ކޮޅެއްގައި ޖެހޭނެ ކަމަށާއި، އެކަށީގެންވާ ކާމިޔާބީއެއް ހޯދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ އެކޮމިޝަނުން ބަލަން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2012 ގެ ފަހުން ހިނގާފައިވާ މައްސަލަތަކެވެ.