ޝަހީދާ އަބްދުﷲ ސައީދު
މަރުގެ މައްސަލަތަކާއި ގެއްލުވައިލައިފައިވާ މީހުންގެ ތަހުގީގު ކުރުމުގައި މީހެއްގެ މޫނަކަށް ނުބަލާނެ ކަމަށާއި، ބަލާނީ ހަގީގަތަށް ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުދެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމެޓީން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޝަންގެ ޗެއާ ހުސްނުއްސުޢޫދު ވިދާޅުވީ ރިޔާސީ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރާއިރު، އެއްވެސް މީހެއްގެ މޫނަކަށް ނުބަލާނެ ކަމަށެވެ. އޭގެ ބަދަލުގައި ބަލާނީ މައްސަލައަށް ކަމަށް ސުޢޫދު ވިދާޅުވިއެވެ.
''ތަހުގީގުގައި ބަލާނީ ލިބިފައިވާ ފެކްޓްތަކުގެ މައްޗަށް. މީހަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އެމައްސަލައަށް ފޯކަސް ކުރާނީ'' ސުޢޫދު ވިދާޅުވިއެވެ.
މީގެއިތުރުން ސުޢޫދު ވިދާޅުވީ މީހަކު ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި މީހަކު ހައްޔަރުގައި ބަހައްޓައިގެން މައްސަލައެއް ބަލާނީ، އެމީހަކު މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް ކުރުމާއި، ފިލައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމާއި ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާގެ އަމިއްލަ ސަލާމަތާއި ރައްކާތާތެރިކަމާ މެދު ސުވާލު އުފެދުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. އެފަދަ މީހަކު ހައްޔަރުކުރުމުގެ ބާރު ކޮމިޝަނަށް ލިބިފައި ނުވާކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ މީހަކު ހައްޔަރުކޮށްގެން ތަހުގީގު ހިންގަން ޖެހިއްޖެނަމަ، ފުލުހުންނަށް އެދޭނެ ކަމަށެވެ.
މައްސަލަތައް ބެލުމުގައި މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާއިރު، ގިނަ ދުވަސްވެފައިވާ މައްސަލަތައް ބެލުން އަވަސްކުރާނެ ކަމަށް ވެސް ސުޢޫދު ވިދާޅުވިއެވެ.
ކޮމިޝަނަށް މިހާތަނަށް 29 މައްސަލައެއް ހުށަހަޅާފައިވާއިރު، އާންމުންނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެ އަދަދު އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ. ސުޢޫދު ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް ކުރުމުގައި އިތުރަށް ގާނޫނީ ބާރު ހޯދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށެވެ.
އެބިލު ފާސްވެ ގާނޫނަކަށް ވުމުން ކޮމިޝަނަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގާނޫނީ ބާރު ލިބުމުން މިހާރު ފައިސަލާކޮށްފައިވާ މައްސަލަތަކާއި، ހުކުމާއި ހަމައަށް ގޮސްހުރި މައްސަލަތައް ބެލުމުގައި އެގާނޫނުގެ ދަށުން ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި މަރުގެ ބައެއް މައްސަލަތަކަކީ ޖިނާޢީ މައްސަލަތައް ކަމަށްވާތީ، އެފަދަ މައްސަލަތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށް ނުދެވިދާނެ ކަމަށެވެ. ނަމަވެސް ވީހާވެސް ބޮޑަށް ދެފުށް ފެންނާނެހެން ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.