ޔުނައިޓަޑް އަރަބް އެމިރޭޓްސް، ޔޫއޭއީ އިން ނޮވެލް ކޮރޯނާ ވައިރަސް ފެނިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޔޫއޭއީގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ އެގައުމުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫއޭއީ އިން ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވެފައިވަނީ ޗައިނާގެ ވުހާން ސިޓީން ދަތުރު ކުރި އާއިލާއެއްގެ މީހުންގެ ހަށިގަނޑުންނެވެ. ނަމަވެސް މި ވައިރަސް ފެނިފައިވަނީ އެ އާއިލާގެ ކިތައް މީހުންގެ ހަށިގަނޑުން ކަމެއް ޔޫއޭއީގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައެއް ނުވެއެވެ.
އެގައުމުން ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ޔޫއޭއީގެ ނޫސްތަކުން އެގައުމުގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ. އަދި އެމީހުން މިހާރު ތިބީ "މެޑިކަލް އޮބްޒަވޭޝަން"ގައި ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
މީގެ އިތުރުން ޔޫއޭއީގެ ރައްޔިތުންގެ ސަލާމަތަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށް ގަލްފް ނިއުސްގައި ރިޕޯޓުކޮށްފައި ވެއެވެ.
ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ވައިރަސް ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ އިރު އަވަށްޓެރި ލަންކާއިންވެސް ވަނީ މި ބައްޔަށް މީހަކު ޕޮސިޓިވް ވެފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހަކު އަދި މިހާތަނަށް އައި އިރު ފެނިފައި ނުވި ނަމަވެސް، ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.