ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތެއް ނުކުރައްވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ،
ދެބޭފުޅުންވެސް ވަކި ވަކިން ކުރެއްވި ޓުވީޓުތަކެއްގައި މިހެން ވިދާޅުވެފައިވަނީ އެ ދެބޭފުޅުން އެކުގައި އުފައްދަވަން އުޅުއްވި ސިޔާސީ ޕާޓީ ފެއިލްވެއްޖެ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ލިޔެފައިވާ ލިޔުމަކަށް ރައްދު ދެއްވަމުންނެވެ.
މި ލިޔުމަށް ރައްދު ދެއްވަމުން ދެބޭފުޅުންވެސް ވަނީ މި ހަބަރަކީ ސައްހަ ނޫން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަގީގަތެއް ނެތް ލިޔުމެއް ކަމަށް ވިދާޅުވެފައެވެ.
"ހަބަރު ލިޔާއިރު ރައްދުވާ ފަރާތުގެ ބަހެއް ނުހިމަނައި ހަބަރު ލިޔެފައި އޮތުމުން ބަޔަކު ބޭނުންވާ ހަބަރެއް ފަތުރާލީ ކަމަށް ގަބޫލު ކުރެވެނީ!" ރިޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ދެ ފަހަރުވެސް ރައްޔިތުން ކައިރިއަށް ގޮސް ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރައްވައި، މިހާރުވެސް ދެމިހުންނެވީ ގައުމީ ހިދުމަތުގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ނާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނަކީ މިހާރުވެސް ރައްޔިތުން ގާތަށް ގޮސް، ބޮޑު ތާއީދަކާއެކު އިންތިހާބީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސީ ޕާޓީއެއް އުފައްދަވަން ގަސްތުކުރައްވައިފި ނަމަ އެކަމަށް ރައްޔިތުން ތާއީދު ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.