ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ހިލޭ ރާއްޖެ ގެނެވޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެކަން ހާމަކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޗަންގުދޫ، ޗަންގްޗިން، ހަންގްޗޯ، ނަންޖިންގް އަދި ޒިއާންގައި ތިބި، ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ކަމަށެވެ.
އެހެންކަމުން ރާއްޖެ އަންނަން ބޭނުންވެފައި ތިބި އެ ސިޓީތަކުގައި ދިރިއުޅޭ ދިވެހިން، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅުމަށް ފޮރިން މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީގައި ވެސް ދިވެހިން އެބަ ތިއްބެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެ ސިޓީގައި ހަ ދިވެހިން އެބަ ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ނަމަވެސް ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުން އަންނާތީ، ވުހާނަށް ވަދެ ނުކުތުން ކުއްލި ގޮތަކަށް ވަނީ ހުއްޓާލައިފައެވެ.