ކޮވިޑް 19

ޗައިނާ ފަތުރުވެރިން އައުން ހުއްޓުވަން އެދި ގޮވަނީ

2

ކޮރޯނާ ވައިރަސްގެ ބިރު ފެތުރިފައިވާތީ، ޗައިނާ ފަތުރުވެރީން ރާއްޖެއަށް އައުން ވަގުތީ ގޮތުން ހުއްޓުވުމަށް އެދިން ގޮވަން ފަށައިފި އެވެ.

މީސް މީޑިއާ އާއި އެނޫން ވެސް ވަސީލްތަތައް މެދުވެރިކޮށް، މިވަގުތު ޗައިނާ ޓޫރިސްޓުން އައުން ހުއްޓުވުމަށް ގޮވަމުންދާ އިރު، އަވަށްޓެރި ލަންކާއިން ވަނީ އެގައުމަށް ދާ ޗައިނާ ފަތުރުވެރީންނަށް އޮން އަރައިވަލް ވިސާ ދިނުން އިއްޔެއިން ފެށިގެން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ. ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ އަދި ދަތުރުކުރާ ގައުމެއް ކަމަށްވާ މެލޭޝިއާއިން ވެސް ވަނީ ޗައިނާ ފަތުރުވެރީން އެތެރެ ވުން ވަގުތީ ގޮތުން ކޮންޓްރޯލުކޮށްފަ އެވެ.

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު މި މަހުގެ 27ގެ ނިޔަަލަށް 2798 އަށް އަރާފައިވާ އިރު، އޭގެ ތެރެއިން 2741 މީހުންނަށް މި ބަލި ޖެހިފައި ވަނީ ޗައިނާގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. މި ބަލި ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދުވެސް ވަނީ 80އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި، މިހާތަނަށް ކަށަވަރުކުރެވިފައިވާ މައުލޫމާތަށް ބަލާ އިރު، ޗައިނާގެ ބޭރުން 11 ގައުމަކުން މި ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފަ އެވެ. ޗައިނާ ނޫން ގައުމުތަކުން މި ބަލި ޖެހުނު 37 މީހުންގެ ތެރެއިން 36 މީހުންނަކީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުން ކަމަށާއި އަދި އޭގެ ތެރެއިން 34 މީހުންނަކީ ޗައިނާގެ ވޫހާން ސިޓީއަށް ދަތުރުކޮށްފައިވާ މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މި ބަލި ދުނިޔޭގެ ނިސްބަތުގައި ވެސް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ފަރާތްތަކުން ބުނެފައި ވަނީ، ކުޑަދުވަސްކޮޅަކަށް ނަމަވެސް ޗައިނާ ފަތުރުވެރީން އައުން ހުއްޓުވަން ޖެހޭ ކަމަށެވެ. ފައިސާއަށްވުރެ ސިއްހަތު މުހިންމު ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި އަންނަނީ ބުނަމުންނެވެ. ޑޮލަރަށް ވުރެ ދިވެހީންގެ ފުރާނަ މުހިންމު ނުވަނީތޯ ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. މެލޭޝިއާ އާއި ލަންކާ ފަދަ ގައުމުތަކުން ޗައިނާ ފަތުރުވެރީން ކޮންޓްރޯލުކުރަން ފިޔަވަޅުތައް އަޅާފައިވާ އިރު، ރާއްޖެއިން އަދިވެސް ފިޔަވަޅު އަޅަން ނުވަނީތޯ ބުނެ އެއްބަޔަކު ސުވާލު އުފައްދާފައިވެ އެވެ.

ކޮރޯނާ ވައިރަސް ހަލުވިކޮށް ފެތުރެމުންދާ އިރު، ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގެ ވޫހާން ސިޓީ އެއްކޮށް ބަންދުކޮށްފަ އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި މިކަމަށް ފުރިހަމަޔަށް ތައްޔާރުވެފައިވާ ކަމަށް ހެލްތުން ބުނެ އެވެ. އެ ގޮތުން ވެލާނާ އިންޓަނޭޝަން އެއާޕޯޓާއި އައްޑޫ ގަން އެއާޕޯޓު މެދުވެރިކޮށް އަންނަ މީހުން ތާމޮލް މީޓަރު މެދުވެރިކޮށް ސްކްރީން ކުރަމުން އަންނަ އިރު، ކަރަންޓީނު ކޮށްގެން ބަޔަކު ގެންގުޅެން ޖެހިއްޖެ ހާލަތެއް އަތުވެއްޖެ ނަމަ އެކަމަށް މާލެ ކައިރީގައި އޮންނަ ފުނަދޫ ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން އަދި ފެނިފައެއް ނުވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟