ޝަހީދާ އަބްދުﷲ ސައީދު
2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިނގާފައިވާ މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު މާދަމާ އާންމުންނަށް ހުޅުވައިލާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމެޓީން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ޗެއާ، ގާނޫނީ ވަކީލު ހުސްނުއް ސުޢޫދު ވިދާޅުވީ އާންމުންނަށް ފުރުސަތު ހުޅުވައިލަނީ ރިޔާސީ ކޮމިޝަނުން ބަލަން ރައްޔިތުން ބޭނުންވާ މައްސަލަތަކެއް ހުރިތޯ ދެނެގަތުމަށް ކަމަށެވެ.
އެގޮތުން ކޮމިޝަނަށް މައްސަލަތައް ހުށަހެޅުމަށް މާދަމާ އާންމުންނަށް ފުރުސަތު ހުޅުވާލާއިރު، މައްސަލަތައް ހުށަހެޅުމަށް 30 ދުވަސް ލިބޭނެ ކަމަށް ސުޢޫދު ވިދާޅުވިއެވެ. ސުޢޫޫދު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތައް ބަލާނީ ވީހާވެސް ބޮޑަށް ދެފުށްފެންނަ ގޮތަކަށް ކަމަށެވެ.
އަދި ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ދެފުށް އާންމުންނަށް ފެނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށް ވެސް ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި މަރުގެ ބައެއް މައްސަލަތަކަކީ ޖިނާޢީ މައްސަލަތައް ކަމަށްވާތީ، އެފަދަ މައްސަލަތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށް ނުދެވިދާނެ ކަމަށެވެ. ނަމަވެސް ވީހާވެސް ބޮޑަށް ދެފުށް ފެންނާނެހެން މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.