އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ލިޔުއްވާފައިވާ ފޮތް، "ބިކަމިންގް"ގެ އޯޑިއޯ ވާޝަން އަށް ގްރެމީ އެވޯޑު ލިބިއްޖެ އެވެ.
މިފޮތަށް ގްރެމީ ލިބިފައި ވަނީ ބެސްޓް ސްޕޯކަން ވޯޑް އަލްބަމް ކެޓަގަރީންނެވެ. މިއީ އެއާއިލާއަށް ލިބުނު ތިން ވަނަ ގްރެމީ އެވޯޑެވެ.
މީގެ ކުރިން އެމެރިކާގެ ކުރީގެ ރައީސް އަދި މިޝޭލްގެ ފިރިކަލުން ބަރަކް އޮބާމާއަށް 2006 އަދި 2008ގައި ގްރެމީ އެވޯޑު ވަނީ ލިބިވަޑައިގެންފައެވެ. އެއީ 2006ގައި އޮބާމާ ލިޔުއްވާފައިވާ ފޮތް "ޑްރީމްސް އޮފް މައި ފާދާ"ގެ އޯޑިއޯ އަށާއި 2008ގައި ލިޔުއްވާފައިވާ "ދަ އޮޑިސިޓީ އޮފް ހޯޕް"ގެ އޯޑިއޯ އަށެވެ.
މިޝޭލްގެ "ބިމަކިން" ފޮތަށް ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އޭގެ އެތައް މިލިއަން ކޮޕީއެއް ވިކިފައި ވާއިރު 2012ގެ ފިފްޓީ ޝޭޑްސް އޮފް ގްރޭއަށް ފަހު އެމެޒޯންގެ އެއްވަނަ ފޮތުގެ މަގާމުގައި ދެމިއޮތީ ވެސް އެފޮތެވެ.
ބިކަމިންގައި މިޝޭލް ލިޔުއްވާފައި ވަނީ ޗިކާގޯއިން އެކަމަނާ ފެއްޓެވި ދިރިއުޅުއްވުމުން ފެށިގެން ގޮސް ވައިޓް ހައުސްގައި އުޅުއްވި ދިރިއުޅުއްވުމުގެ ވާހަކައެވެ.
މިޝޭލަކީ ގްރެމީ އެވޯޑު ލިބިވަޑައިގެންނެވި އެމެރިކާގެ ދެވަނަ ފަސްޓް ލޭޑީއެވެ. 2003 ވަނަ އަހަރު ހިލަރީ ކްލިންޓަނަށް އެކަމަނާ ލިޔުއްވި ފޮތް "ލިވިން ހިސްޓްރީ"އަށް ވެސް ވަނީ ބެސްޓް ސްޕޯކަން ވޯޑް އަލްބަމް ކެޓަގަރީން ގްރެމީ އެވޯޑް ލިބިފައެވެ.