ސިވިލް ކޯޓް

ރައީސް ޔާމީނުގެ ވެރިކަމުގައި ސިފައިންގެއިން ވަކިކުރި އިބްރާހިމް އަލީއަށް ވަޒީފާއާއެކު މުސާރަ ދޭން ހުކުމް ކޮށްފި

އިބްރާހިމް ޒަކީ

3

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ސިފައިންގެއިން ވަކިކުރި، ސްޓާފް ސާޖެންޓް، ގ.ދާންދޫ ހިތަށްފިނިވާގެ އިބްރާހިމް އަލީއަށް އެއް އަހަރު ދުވަހުގެ މުސާރައާ އެކު އެ ވަޒީފާ ދިނުމަށް، ޑިފެންސް މިނިސްޓްރީ އަށާއި، ދިވެހި ދައުލަތުުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި، 2013 ވަނަ އަހަރުގެ ނޮވެމްބަރު 25ގައި އިބްރާހިމް އަލީ ސިފައިންގެއިން ވަކި ކޮށްފައިވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ހިލާފު ވެފައިވާތީ ކަމަށް ބުނެއެވެ.

އެކަމާގުޅިގެން ޑިފެންސް މިނިސްޓްރީއާ ދެކޮޅަށް އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ގާނޫނާ ހިލާފަށް އިބްރާހިމް އަލީ ވަޒީފާއިން ވަކި ކުުރުމުގެ ސަބަބުން އަދުލުވެރި ބަދަލެއްގެ ގޮތުގައި 2013 ވަނ އަހަރުގެ ނޮވެމްބަރު 25ން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތުގެ މުސާރަ އާއި އިނާޔަތަށްވާ، 198،465 އާއި އެ މުއްދަތުގައި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ހައްގުވާ ފައިސާ، އިބްރާހިމް އަލީއަށް ދިނުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަދި މި ފައިސާ އިބްރާހިމް އަލީއަށް ލިބިދިނުމުގެ ގޮތުން މިމަހު 13އިން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށާއި މޯލްޑިވްސް ޑިފެންސްފޯސް ގައި އިބްރާހިމް އަލީ އަދާކުރަމުން ދިޔަ، ސްޓާފް ސާޖަންޓްގެ ވަޒީފާ މިމަހު 13އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އަނބުރާ އިއާދަ ކޮށްދިނުމަށްވެސް ހުކުމްކޮށްފައި ވެއެވެ.

މީގެ އިތުރުން 2013 ނޮވެމްބަރު 25 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތު، އިބްރާހިމް އަލީގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި ގުޅުވައި ދިނުމަށް، ވެސް ހުކުމްކޮށްފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟