ސިޔާސީ

ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހު 30ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް: ޖޭޕީ

މަރިޔަމް ޝަހުދާ

ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހު 30ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން އިއްޔެ އާންމު ކުރި އިއުލާނެއްގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއެއް ބާއްވަން ޖެހޭ ހާލަތްތަކުގައި ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހު 30ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ބުނެފައި ވެއެވެ. އަދި މި ނިންމުން ނިންމާފައި ވަނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރަށްރަށުގެ މެންބަރުންނަށް ވެސް ޕްރައިމަރީގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީން ހަމަޖައްސާފައިވަނީ އަންނަ ފެބްރުއަރީ މަހު 12 ގައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޖޭޕީން ވަނީ ނިންމާފައެވެ. އަދި ޖޭޕީގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ވެސް ވަނީ ހުރިހާ ގޮނޑިތަކަށް ކުރިމަތިލުމަށް ނިންމައި، އެޕާޓީތަކުގެ ޓިކެޓު ހޯދުމަށް ހުޅުވާލައިފައެވެ.