80 މީހުންނާއެކު ދަތުރުކުރި ފްލައިޓެއް ވެއްޓިއްޖެއެވެ.
އަފްގާނިސްތާނުގެ ގާޒީ ޕްރޮވިންސުން ފުރައިގެން ކާބުލް އަށް ދަތުރުކުރި މިފްލައިޓު ވެއްޓިފައި ވަނީ އަލިފާން ރޯވެ ދިމާވި ޓެކްނިކަލް މައްސަލައެއްގައި ކަމަށް ގާޒީ ޕްރޮވިންސްގެ ސްޕޯކްސް ޕާސަން މައުލޫމާތުދީފައި ވެއެވެ.
ވެއްޓުނު ފްލައިޓަކީ އަފްގާނިސްތާނުގެ އެއާލައިން އަރިއާނާ އަފްގާން އެއާލައިންގެ ފްލައިޓެއް ކަމަށް އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް އަރިއާނާ އަފްގާން އެއާލައިނުން ވަނީ އެއެއާލައިންގެ އެއްވެސް ފްލައިޓެއް ނުވެއްޓޭ ކަމަށް ބުނެފައެވެ. އަރިއާނާ އަފްގާން އެއާލައިނުން ވަނީ އެ އެއާލައިންގެ ފްލައިޓަކަށް އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި ވެއްޓިފައިވަނީ އެއެއާލައިންގެ ފްލައިޓެއް ނޫން ކަމަށް ބުނެފައެވެ.
އަފްގާނިސްތާނުގެ ގާޒީ ޕްރޮވިންސުގެ އޮފިޝަލް ވަނީ ފްލައިޓު ވެއްޓިފައިވާ ސަރަހައްދަށް ދިއުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް ބުނެފައެވެ. އޭނާ ބުނީ އެސަރަހައްދަކީ ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމަށެވެ.
ބޭރުގެ ބައެއް ރިޕޯޓުތަކުން ބުނާގޮތުން ވެއްޓުނު ފްލައިޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގައި ތާލިބާނުން ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އަފްގާން ސްޕެޝަލް ފޯސް އިން އެސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
މި ފްލައިޓު ވެއްޓުމުގެ ސަބަބުން މީހަކު މަރުވިކަމެއް ނުވަތަ އަނިޔާވިކަމުގެ އެއްވެސް ރިޕޯޓެއް އަދި ވަނީ ނުލިބެއެވެ.