އިބްރާހިމް ޒަކީ
އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ހަމަޖައްސާފައިވާ ކައުންސިލް ތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް ވާދަ ކުރުމަށް ޕްރައިމަރީއަކާ ނުލައި 390 ފަރާތަކަށް ޓިކެޓް ހަވާލު ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ، އެމްޑީޕީގެ ޕްރައިމަރީއާ ބެހޭގޮތުން، މައުލޫމާތު ދެއްވުމަށް އެމްޑީޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، ހަތަރު ސިޓީއަށް ބަލާއިރު މާލޭ ސިޓީގެ، ހެންވޭރު އުތުރާއި، ގަލޮޅު ހުޅަނގާއި، މާފަންނު ހުޅަނގާއި، މާފަންނު އުތުރާއި، މާފަންނު ދެކުނު ދާއިރާއިން ވާދަ ކުރުމަށް ކުރިމަތިލީ އެންމެ މެންބަރެއް ކަމަށާއި، ފުވައްމުލަކު ސިޓީގެ ފުވައްމުލަކު ހުޅަނގު ދާއިރާއިންވެސް ކުރިމތިލީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. އެހެންކަމުން އެ ކެންޑިޑޭޓުންނަށް މިހާރު ޓިކެޓު ހަވާލު ކޮށްފައިވާތީ އެ ދާއިރާތަކުގައި ޕްރައިމަރީ ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލް ތަކުގެ ޕްރައިމަރީގައި 108 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ 18 އަތޮޅުގެ ތެރެއިން 16 އަތޮޅުގައި އަތޮޅު ކައުންސިލް ޕްރައިމަރީ ކުރިއަށް ދާނެ ކަމަށާއި، ހއ. އަތޮޅާއި ފ. އަތޮޅުގެ އަތޮޅު ކައުންސިލަށް ކުރިމަތިލި ފަރާތްތަކަށް ޓިކެޓު ހަވާލުކޮށްފައި ވާތީ އެ ދެ އަތޮޅުގައި ޕްރައިމަރީ ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އަތޮޅު ކައުންސުިލްތަކުގެ ޕްރައިމަރީގައި ވާދަ ކުރާނީ 70 ކެންޑިޑޭޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރަށު ކައުންސިލް ދާއިރާތަކަށް 1099 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، ޕްރައިމަރީގައި ވާދަކުރާނީ އޭގެ ތެރެއިން 711 ކެންޑިޑޭޓުން ކަމަށާއި، 380 ކެނޑިޑޭޓުންނަށް ޓިކެޓް ދީފައިވާ ކަމަށެވެ. އެ 380 ކެންޑެޑިޑޭޓުންނަށް ޓިކެޓު ލިބުނީ އިތުރު ކެންޑިޑޭޓުން އެ މަގާމުތަކަށް ވާދަކުރަން ހުށަހަޅާފައި ނުވާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.
އިތުރު ތަފުސީލު ދެއްވަމުން ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒް ވިދާޅުވީ، ޕްރައިމަރީގެ ވޯޓު ލުން ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ 2:30 ން 7:30 އަށް ކަމަށެވެ. އަދި 15 މިނެޓްގެ ހުސް ވަގުތު ކޮޅަކަށްފަހު މާލެ އާއި އަތޮޅުތަކުގައި ވޯޓު ފޮށި ބަހައަޓާފައިވާ ތަނުގައި ވޯޓު ގުނައި އެތަނުގައި ވަގުތުން ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.
އަލީ ނިޔާޒް ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކަށްވެސް ދެ މަންދޫބުން ވޯޓު ފޮށި ކައިރީގައި ބޭތިއްބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވޯޓު ލާއިރު ވޯޓު ކަރުދާހުގައި ހިމެނޭ އަދަދަށްވުރެ ގިނައިން ނުވަތަ މަދުން ވޯޓު ލިޔަސް އެ ލާ ވޯޓެއް ބާތިލުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.