މިންހާ ފާއިޒް ރަޝާދު
ކޮރޯނާ ވައިރަސްގެ ސަބަބުން އަހަރަކު 65 މިލިއަން މީހުން މަރުވެދާނެ ކަމަށް މީގެ ތިން މަސް ކުރީން އެމެރިކާ ސައިންސްވެރީން ހެދި ދިރާސާއަކުން ހާމަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ދިރާސާ ހަދާފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެމެރިކާގެ ޖޯންސް ހޮޕްކިންސް ސެންޓާ ފޯ ހެލްތު ސެކިއުރިޓީގެ ސައިންސްވެރިންނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި 18 މަސްދުވަހުގެ ތެރޭގައި 65 މިލިއަން މީހުން ދުނިޔޭގެ އެކި ހިސާބުތަކުން މަރުވެގެންދާނެ އެވެ.
މިހާތަނަށް ކޮރޯނާ ވައިރަހުން ޗައިނާގައި މަރުވެފައިވަނީ 41 މީހުނެވެ. ބަލިޖެހިފައިވާ 1200 މީހުން އެބަތިއްބެވެ.
ޗައިނާގެ ވުހާންއަށް ކޮރޯނާ ވައިރަސް މިދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅު ފެތުރިގެން ދިޔަ އިރު އެއީ ހައިރާން ކުރުވަނިވި ކަމެއް ނޫންކަމަށް ޖޯންސް ހޮޕްކިންސްގެ ސީނިއާ ރިސާޗާ ޑރ. އެރިކް ޓޯނާ ބުންޏެވެ.
ބިޒްނަސް އިންސައިޑާއަށް ޑރ. އެރިކް ޓޯނާ ދިން އިންޓަވިއުއެއްގައި ބުނީ މި ވައިރަސްގެ އަސަރު ކޮށްފައިވާ ސަރަހައްދު، ނުވަތަ ފެތުރިފައިވާ ބޮޑުމިން އަދިވެސް އަންދާޒާ ކުރަން ނޭނގޭ ކަމަށެވެ. ނަމަވެސް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ވަރަށް ފަސޭހައިން ފެތުރޭ ކަމަށެވެ.
ނޭވާލާ ނިޒާމަށް މި ބަލި ޖެހުމުން ފުރަތަމަ ފެންނަނީ އާދައިގެ ރޯގާގެ އަލާމާތް ތަކެކެވެ.
ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ ސާރސް، 8000 މީހުނަށް ޖެހި 774 މީހުން ޗައިނާގައި 2000 ވަނަ އަހަރު މަރުވެފައި ވެއެވެ.
ޑރ. އެރިކް ޓޯނާ ބުނާގޮތުގައި އޭނާގެ ޓީމުން ހެދި ދިރާސާއިން ދޭހަވާ ގޮތުގައި މީގެ ހަމަސް ފަހުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ކޮރޯނާ ވައިރަސް ފެތުރިގެންދާނެ އެވެ. މިހާރުވެސް މި ވައިރަސް ވަނީ އެމެރިކާ، ތައިލެންޑް، ޖަޕާން، ސައުތު ކޮރެއާ، ޓައިވާން، ވިއެޓްނާމް، ސިންގަޕޫރު، ހޮންގް ކޮންގް، މަކާއޯ އަދި ނޭޕާލުން ފެނިފައެވެ.
ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ދިވެހިން ވެސް ތިބި އިރު އެސިޓީ ވަނީ ބަންދުކޮށްފައެވެ. ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކޮށް އެމީހުން އެސިޓީން ބޭރަށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެވަނީ ބުނެފައެވެ.
އޭގެ އިތުރުން ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ހާއްސަކޮށް ދިވެހި ކިޔަވާކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.